ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ، ވޮއްމުލި ރިސޯޓުންކަން ހާމަވެއްޖެއެވެ.

މޯލްޑިވްސް ސާވިސް ޗާޖު އަޕްޑޭޓްސްގައި ބުނެފައިވާގޮތުން ދަ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދީފައިވަނީ 725.57 ޑޮލަރެވެ. ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ޖުމެއިރާ ވިޓަވެލި ރިސޯޓުންނެވެ. އެ ރިސޯޓުން ދީފައިވަނީ 629.53 ޑޮލަރެވެ. އަދި ތިން ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ދުސިތު ތާނީ މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ދީފައިވަނީ 690 ޑޮލަރެވެ.

ކުރީ މަހާއި އަޅާބަލާއިރު ބައެއް ރިސޯޓުތަކުގެ ސާވިސް ޗާޖް ދަށްވެފައިވާއިރު، ބައެއް ރިސޯޓުގެ ސާވިސް ޗާޖް ވަނީ އިތުރުވެފައެވެ.

ބެލެވޭ ގޮތުގައި ރިސޯޓުތަކުގައި ސާވިސް ޗާޖު ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ މިއީ ޓޫރިޒަމްގެ އޮފް ސީޒަން ކަމަށްވުމާއެކު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މަދުވުމުންނެވެ.

މޯލްޑިވްސް އެސްސީއަކީ ރިސޯޓްތަކުގެ މުވައްޒިފުންގެ އެހީގައި ހިންގާ ސައިޓްއެއްކަމަށް އެސައިޓްގައި ބުނެފައިވެއެވެ. މިގޮތުން މިސައިޓްގައި އާއްމު ކުރެވެނީ މުވައްޒިފުން ފޮނުވާ މުސާރަ ސީޓްގައިވާ ސާރވިސްޗާާޖްގެ އަދަދެވެ.