މި އަހަރުގެ ޖުލައިގައި މީރާއަށް 2.16 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.
މީރާ އިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.3% އިތުރު އަދަދެއް ކަމަށެެވެ. ނަމަވެސް، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 1.3% ދަށް އަދަދެކަމަށް އެ އިދާރާއިން ބުންޏެވެ.
ޖުލައިގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީއެވެ. އެއީ %40.5 ނުވަތަ 873.71 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސް.ޓީ އިންނެވެ. އެއީ 23.7% ނުވަތަ 510.73 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ކުލީގެ ގޮތުގައި 436.10 މިލިއަން ރުފިޔާ (20.2%)، ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 67.31 މިލިއަން ރުފިޔާ (3.1%)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 50.17 މިލިއަން ރުފިޔާ (2.3%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 220.79 މިލިއަން ރުފިޔާ (10.2%) ހިމެނެއެވެ.
މީރާ އިން ބުނީ، މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖުލައި މަހުގެ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުމުން ކަމަށެވެ.
އެހެންނަމަވެސް، މި އަހަރުގެ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައިވާ މިންވަރު، އަންދާޒާކުރި މިންވަރަށްވުރެ ދަށްވެފައިވުން ކަމުގައި މީރާއިން ހާމަކުރެއެވެ.
ޖުލައި 2019 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 50.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.