ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ޕައިލެޓުންނާއި ކެބިން ކުރޫން ހޯދަން އިއުލާން ކޮށްފިއެވެ.

މޯލްޑިވިއަންއިން ކެޑެޓް ޕައިލެޓުން ހޯދަން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ޕައިލެޓުންގެ ޝަރުތުތަކުގެ ތެރޭގައި ސައްހަ އީކާއޯ ނުވަތަ މޯލްޑިވިއަން ސީޕީއެލް، ނޫނީ އޭޓީޕީއެލް ޕައިލެޓް ލައިސަންސް އޮންނަން މީހަކަށް ޕައިލެޓް ވާން ޖެހޭނެ ކަމަށެވެ. އަދި މެޑިކަލް ފުރިހަމަ ކޮށްފައިވާ މީހަކަށް ވާން ޖެހޭއިރު، އެމަގާމަށް ކުރިމަތި ލެވޭނެ ކަމަށް ބުނެފައި ވަނީ ހަމައެކަނި ދިވެހީންނަށެވެ.

ކެބިން ކުރޫން ހޯދުމަށް މޯލްޑިވިއަންއިން ކޮށްފައިވާ އިއުލާންގައި ބުނުފައި ވަނީ ވަޒީފާއަށް ހުށަހަޅާ މީހާއަކީ 18 އަހަރާއި 40 އަހަރާ ދެމެދު އުމުރެއްގެ މީހާކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ބަރާބަރަށް އިނގިރޭސިން ވާހަކަ ދައްކަން އިނގެން ޖެހޭނެ ކަމަށާއި، ސިވިލް އޭވިއޭޝަން އޮތީރިޓީގެ ކެބިން ކްރޫގެ ޖެނެރަލް އެގްޒާމްއިން ފާސްވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ފިރިހެނެއްނަމަ، އިސްކޮޅުގައި މަދުވެގެން ފަސް ފޫޓް ހަތަރު އިންޗް ހުންނަން ޖެހޭނެ ކަމަށާއި، އަންހެނެއްނަމަ އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗް އެންމެ މަދުވެގެން ހުންނަން ޖެހޭނެ ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ. އެއާއެކު ކެބިން ކްރޫ ކަމަށް ކުރިމަތި ލެވޭނީ ފަތަން ދަންނަ ފަރާތްތަަކަށް ކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

ކެބިން ކްރޫންނަށް މީހުން ނެގުމަށް 26 އޯގަސްޓް ވަނަ ދުވަހު ވޯކް އިން އިންޓަވިއުއެއް ބާއްވަން ހަމަޖެހިފައިވާއިރު، އިންޓަވިއު ކުރިއަށްދާނީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް އެސްޓީއޯ ޓްރެއިނިން އިންސްޓިއުޓުގައެވެ. އިންޓަވިއުއަށްދާއިރު، ބޭނުންވާނީ ސީވީގެ އިތުރުން ފުލް ސައިޒް އަދި ޕާސްޕޯޓް ސައިޒް ފޮޓޯއެކެވެ.