ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި އިބްރާހިމް މުހައްމަދު ޞާލިހް ހަވާލުވެ ވަޑައިގެން މޯލްޑިވް ގޭސްގެ ބޯޑަށް ބަދަލު ގެނައި ފަހުން އެ ކުންފުނީގެ އުސޫލާއި ޚިލާފަށް އެލްޕީޖީ މިކްސްޗަރ (ގޭސް) ގަތް މައްސަލަ އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު "ރާއްޖެއެމްވީ" އަށް ވިދާޅުވީ މޯލްޑިވް ގޭހުން ގޭސް ގަތުމުގައި އޭގެ އަސްލު އަގަށްވުރެ ބޮޑު އަގުގައި ތަކެތި ބޭރުން ގަންނަ ކަން ފާހަގަކޮށް އެކަން އެ ކޮމިޝަނަށް ހުށައެޅުމާއެކު އެމައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ، އެމައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގުނުގޮތުގައި، ގޭސް ގަނެފައިވަނީ އެކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާއި ޚިލާފަށް ކަމަށެވެ. އަދި އެހެންވެ އޭސީސީއިން އެކަން ތަހުގީގު ކުރަމުން އަންނަކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.

"މޯލްޑިވް ގޭސްގެ މިހާރުގެ މެނޭޖްމެންޓުން ހިނގަމުންދާ ކަންތައްތައް އޭސީސީއަށް ހުށައެޅި އެޝަކުވާތަށް މިހާރު ބަލަމުން ދަނީ. ދެން މައިގަނޑު ގޮތެއްގައި ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދިޔަ ބައެއް ކަންތައްތައް އޭސީސީގެ ސަމާލުކަމަށްވެސް އައިސްފަ ހުރީމަ ޚާއްސަ ގޮތެއްގައި މޯލްޑިވް ގޭސްއިން ގޭސް ސިލިންޑަރ ގަތުމުގައި ބޮޑު އަގުގައި ތަކެތި ގަންނަ ވާހަކައާއި ހަމަ އެއާއެއްކޮށް ޕްރޮކިއުމެންޓް އުސޫލާއި ޚިލާފަށް ބައެއް އަގުބޮޑު ތަކެތި ގަންނަ ކަމަށް ފާހަގަ ކުރެވޭ ކަންތައްތަކެއް. އޭސީސީއިން މިހާތަނަށް ބެލި ބެލުމުގައި އޭގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާއި އުސޫލާއި ޚިލާފަށް ބައެއް ކަހަލަ ކަންތައްތަކެއް ހުރީމަ ތަހުގީގެއް މިހާރު ކުރިއަށް މި ގެންދަނީ." މުއައްވިޒް ވިދާޅުވިއެވެ.

މޯލްޑިވް ގޭހުން ގޭސް ގަތުމުގައި އަގު ބޮޑުކޮށް ޚަރަދުކޮށްފައިވާކަން އޭސީސީއިން ތަހުގީގު ކުރަމުންދާއިރު ސޯޝަލް މީޑިއާގައި ވަނީ އެ ކުންފުނިން ބޮޑު އަގުގައި އެތަކެތި ގަތް ބައެއް ރަސީދުތައް ވެސް އާންމު ވެފައެވެ.

އެ ރަސީދު ތަކުން ހާމަވާ ގޮތުގައި އެކުންފުނިން ތިން ފަހަރެއްގެ މަތިން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން ގަނެފައިވާ 3،000 ގޭސް ސިލިންޑަރ ތައް ހުރީ އެކި އަގުގައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު މޯލްޑިވް ގޭހުން ގަތް ގޭސް ޝިޕްމަންޓް ޔުނިޓަކަށް 630 ޑޮލަރަށް ގަނެފައިވާއިރު 1000 ޔުނިޓް އެކުންފުނިން ގަނެފައިވަނީ 630،000 ޑޮލަރަށެވެ.

އޭގެ އެއްމަސް ފަހުން މިއަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމާއި ޕްރޮކިއުމެންޓް މެނޭޖަރ ސޮއިކުރައްވާފައިވާ އެ ރަސީދުގައި ވަނީ ގޭސް ޝިޕްމަންޓް ޔުނިޓަކަށް 705 ޑޮލަރަށް 1000 ޔުނިޓް މަގުން 705،000 ޑޮލަރަށް ގަނެފައެވެ.

މިއަހަރުގެ މާޗް މަހު ހަމަ އެތަކެތީގެ 1،000 ޔުނިޓް ގަނެފައިވަނީ ޔުނިޓެއް 770 ޑޮލަރުގެ މަގުން 770،000 ޑޮލަރަށެވެ.

އޭސީސީ އިން ބަލަމުންދާ މައްސަލަ އާއި ގުޅިގެން މޯލްޑިވް ގޭސްގެ މިހާރުގެ އެމްޑީ ޝަޒައިލް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގޭހަކީ އަބަދު އެއްއަގެއްގައި ލިބޭ އެއްޗެއް ނޫންކަމަށާއި އެތަކެތި ގަނެފައިވަނީ މާކެޓްގައި ލިބެން ހުރި ރޭޓުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާލިޔާ

    ތީ ބޮޑު ވަގެއް! އަހަރެން ދަންނަން ވަރަށް ރަނގަޅަށް ތިޔަ ސޮރު...

    11
  2. ޖަޒީރާވެށި

    މީނާ ތިޔަތަނުން ވަގުތުން ބޭރުުުކުރޭ! މައުމޫނުު ގެެ ބޯޢީއެއް ތީ!

    6
    1
  3. އެޖެންޑާ 19

    ސަރުކާރުން މަގާމުދިނީމަ ފުރަތަމަވެސް ދިން އިންޓަވިއުގައި ތިޔަތަނުން ކުރީ ސަރުކާރުގައި ހާވާފައި ހުރި ހަޑިޔޭ، ބިހޭ ކިޔާފައި އަނގަފޭކުރި އިރުވެސް މަށަށް އިނގޭ މީނާމީ ކާކުކަން! ކާކުގެ ދަރިއެއްކަން! ކިހިނެތް ބޮޑުވެފައި ހުރި މީހެއްކަން! މިކަހަލަ ނާގާބިލް މީހުން މިސަރުކާރުން ބޭރުކުރުމަށް އިބޫއަށް ގިވާލަން!

    12
    1
  4. ދިފްލާ

    މިހުރީ ވަގު ސަރުކާރުން ކުރާ ބޮޑަތި ވައްކަންތަކެވެ. ބައިމީހުންނަށް ހިތްވަރުދީ ދައުލަތުން ރުފިޔާ މަންޑަޅިތައް ހޯދުމަށް ޝަރީޢަތަށް ފޮނުވައި ޤާޟީންނަށާ ފަނޑިޔަރުންނަށް ވަޒީފާގެ ބިރުދައްކާ އެމީހަކު އެދުނު ޢަދަދަކަށް ފައިސާ ލައްވާ ޙުކުމްކޮށް އެ ފައިސާ ދައުލަތުގެ ޚަޒާނާއިން ލޫޓުވާ ބައިމީހުންނަށް ބައިލިބޭގޮތަށް މިހުރީ ރޯމާދުވާލު ކުރާ ވައްކަންތަކެވެ. އެކަމަކު އަޅައިގަނެގެން މި އުޅެނީ އެ ފައިސާ ލިބުނު ގޮތުގެ މަޢުލޫމާތެއްވެސް މިމީސްމީހުންގެއަތުގައި ނެތި ރައީސް ޔާމީންގެ އެކައުންޓަށް 15 މިލިޔަނެއްހައި ރުފިޔާ ޖަމާވެގެން އުޅޭ މައްސަލައާއެވެ.

    10
  5. އަހްމަދު

    ކިތަންމެ ބޮޑު އަގެއްގާ ގަތަސް ރައްޔިތުންނަށް ގަންނަންލިބޭ އަގު ބޮޑު ނުވެއްޖިއްޔާ އެނިމުނީ.

    3
    19
  6. Anonymous

    ޗަޑައިލް ބުނަންތަ ވާހަކައެއް އެގްރީމަންޓް ކިޔާ އެއްޗެއް ހަދައިގެން ގަތީމަ އަގު އެއްވަރެއްގަ ހިފެހެއްޓޭނެ. މީގެކުރިންވެސް އެކަން ކުރަމުން ދިޔައީ އެގޮތަށް. ތިހެން ޖަޒީރާކޮށް ހުރިހާ ކަމެއް މި ވަގު ބެޑްޝީޓް ސަރުކާރުން ތިކުރަނީ.

    15
    1
  7. ޗާލު

    އޭސީސީވެސް އެންމެފަހުން ޕޮލިހުން ގޮތަށް މީސް މީޑިޔާއިން ކަންކަން ފަޅާއަރާ ހޫނު ފެނަށް ވެއްޓުނީމަ ތަހްޤީޤުކުރަން ޖެހޭކަން ހަނދާންވަނީ. ކަހާތަން ހިރުވާވެސް ނުލާ މިތިބެނީ ހަމަ ޕާޓީކުދިންވީމަ އެއްޗެކޭ ބުނަންނުކެރޭތީ. އަމިއްލައަށް ފެނޭކަމެއް ނެތް. ރައްޔިތުންގެ ފައިސާ ކެވޭލެއްމަދީބާ. އޭސީސީގެ ލުތުފީއަށްވުރެ ތި މުއައްވިޒުގެ ކޮރަޕްޓްބޮޑު. ހުޅުމާލެއިން އާއިލާގެ އެންމެންނަށް ހޯދާފައިވާ ގޯތިތަކުން އެކަން ސާފުވާނެ.