ވިލާ އެއާ އިން އޮޮޕެރޭޓް ކުރަމުން އަންނަ ފްލައިމީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އާ މަތިންދާބޯޓެއް ގެންނަން ނިންމައިފިއެވެ.

ފްލައިމީ އިން ގެންނަން ހަމަޖެހިފައިވަނީ އޭޓީއާރް މަރުކާގެ އެންމެ ފަހުގެ 600-72 ބޯޓެކެވެ. އެ އެއާލައިން އިން ގެންނަ ބޯޓުގައި 72 ގޮނޑި ހުންނާނެއެވެ.

މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ އެއާލައިނުން އެންމެ ގިނަ ފަސިންޖަރުން އުފުލާ މަންޒިލްތަކަށް ހިދުމަތް ދިނުމަށެވެ.

އެތެރޭގެ އުދުހުންތަކަށް ބޭނުން ކުރަމުން އަންނަ ފްލައިމީ އިން މިހާރު އަންނަނީ އޭޓީއާރުގެ 500-72 މަރުކާގެ ދެ ބޯޓު ބޭނުން ކޮށްގެން މާލެ އިން ޑޮމެސްޓިކް ދެ އެއާޕޯޓަކަށް ދަތުރު ކުރަމުންނެވެ. އެއީ އދ. މާމިގިލީ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ވިލާ އެއާގެ ފްލައިމީ އިން އަންނަނީ ސީޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.