އައްޑޫ ސިޓީ އާއި، ކުޅުދުއްފުށީ ގައި ވެސް ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓެއް ހުޅުވާ ޚަބަރު ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެންނަށް ކޮންމެ ދުވަހެއްގެ ނިއުސް ޕޭޕާ ހެޑްލައިންސް ބަލާލާއިރު، ދުނިޔޭގެ ނަން މަޝްހޫރު ކޮންމެވެސް ރިޒޯޓެއް ދިވެހި ރާއްޖޭގައި އެބަ ހުޅުވާ. އަދި މިއަދު މި ލިބޭ އުފާވެރި ޚަބަރަކީ ގްލޯރިއާ ޖީންސް އައްޑޫ ސިޓީއަށް ވެސް ދާނެކަން، ކުޅުދުއްފުއްޓަށް ވެސް ދާނެކަން". ރަސްފަންނު ފަވީލާގާއި ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީ ބޮޑެތި ތަންތަނަށް އެކި ބްރޭންޑްތަކުގެ ފްރެންޗައިޒްތައް ގެންދިޔުމުގެ ރޫހު ދިވެހި ވިޔަފާރިވެރިންގެ އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ޔަގީންވާ އަނެއް ކަމަކީ މި ވިޔަފާރިއަށް ވެސް ތަމްރީން ކުރެވިފައިވާ 80 ޕަސެންޓް ދިވެހި ޒުވާނުން ނެރުއްވާނެކަން މި ވިޔަފާރީގެ ވެރިން ވިދާޅުވާކަން" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ހުވަފެނަކީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓަކީވެސް ޝޮޕިންގ ޕެރަޑައިސްއަކަށް ހެއްދެވުން ކަމަށެވެ. އެގޮތުން މުނިފޫހި ފިލުވުމާއި، ދިވެހިރާއްޖޭގެ އާމްދަނީ އެތައް ގުނައަކަށް ކުރިއަރައިދާނެ މަސައްކަތްތައް ކުރާ އެއާޕޯޓަކަށް އެ އެއާޕޯޓް ވެގެންދިޔުންކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެނބޫދޫ ލެގޭން ތަރައްގީވަމުން އަންނައިރު، މި އަހަރު ތެރޭގައި އެތަނުގެ ބައެއް ކޮމްޕޮނެންޓްތައް ހުޅުވިގެންދާނެ ކަމަށާއި، އެތަނަށްވެސް އަންނާނީ ދުނިޔޭގެ ނަން މަޝްހޫރު ފްރެންޗައިސް ބްރޭންޑްތައްކަމަށެވެ.

"2018 އިން ރައީސް ޔާމީންގެ ދެވަނަ ދައުރު 2023 އާއި ހަމައަށްދާއިރު، ދިވެހިރާއްޖެ ވާނި ވަރަށް ބޮޑަށް ތަރައްގީވެފައި އޮތް ދިވެހި ޒުވާނުންގެ އުއްމީދުތައް ހަގީގަތައް ހަދައިދީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ބުރަ ބޮޑު މަސައްކަތްތަކެއް ކުރެވި ދިވެހިންނަކީ ފުދުންތެރި ޖީބަށް ހެޔޮވަރު އާމްދަނީ ލިބޭ ވަޒީފާގެ ބާޒާރުގައި އެކަށީގެންވާ ތަރައްގީއެއް އޮތް މި ސަރަހައްދުގައި އެންމެ ތަހުޒީބު އެންމެ ހިތްގައިމު އެންމެ ރީތި ދުނިޔޭގެ ކުދި ގައުމުތަކަށް ފަހުރުވެރިވާނެ ގައުމަކަށް". މިނިސްޓަރު ސައީދު ވިދާޅުވިއެވެ.