އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔުމާއި ގުޅިގެން ކަމަށެވެ. ކޮންމެ ޑީސަލް ލީޓަރަކުން 20 ލާރި ބޮޑުކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯއިން ބުނިގޮތުގައި ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެންނެވެ. އަގަށް ގެނެވުނު ބަދަލަށް ފަހު ޑީސަލް ލިޓަރެއް ލިބޭނީ 10:41 ލާރިއަށެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރިއިރު ތެލުގެ އަގު ހިފެހެއްޓުމަށް ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކްގެ ގައުމުތަކުން ނިންމުމާއި ގުޅިގެން ތެލުގެ އަގު ވަނީ އުފުލިފައެވެ. އަދި މެދުރިއިރުމަތީގެ ސިޔާސީ މައްސަލަތައް ހާއްސަކޮށް ޔަމަނާއި އީރާންގެ މައްސަލައިގެ ސަބަބުން ވެސް ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ. އެމެރިކާ ހިމެނޭ ގޮތައް ދުނިޔޭގެ ބާރުތަކުން އީރާން އާއި އެކު ސޮއި ކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމާއި މެދު ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ބުނުމުން ވެސް ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު