ގްލޯރިއާ ޖީންސް ކޮފީގެ އައުޓްލެޓް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ފަވީލާ (ޕެވިލިއަން) އަށް އިތުރު ދެ ފްރެންޗައިސް ބްރޭންޑެއް ގެންނަން ނިންމާފައިވާކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

ރަސްފަންނު ފަވީލާގާއި ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ފަވީލާ ހުޅުވިގެން ދާއިރު ގްލޯރިއާ ޖީންސް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ފަވާލެވިގެންދާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތާރީހު ނުދެކޭ ފަދަ ބްރޭންޑްތަކެެއް ރާއްޖެއަށް ތައާރަފްވެ އެ ހިދުމަތް އާއްމު ރައްޔިތުންނަށް ލިއްބައިދޭތީ މި އުފާ ފާހަގަކުރާކަމަށް ފަޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރިއަށް އޮތް މަރުހަލާގެ ތެރޭގައި އިރާދަކުރެއްވިއްޔާ މިތަނުގައި އަދި އިތުރު ދެ ފްެރެންޗައިޒްއެއްް ހުޅުވިގެންދާއިރު، އަޅުގަނޑުމެންގެ ޕާޓްނަރާއެކު ކުރެވިގެންދާ މަސައްކަތުގައި ޗިކަން އަދި އޭގެ އިތުރުން މޮޓި މަހަލް ތައާރަފްވެގެން ދާނެ"، ފަޒުލް ވިދާޅުވިއެވެ.

ފަޒުލް މިގޮތަށް ވިދާޅުވި ނަމަވެސް، މި ދެ ތަން ހުޅުވިގެންދާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއްވެސް ދީފައެއް ނުވެއެވެ.

މޮޓި މަހަލް އިންޑިއާއަށް ނިސްބަތްވާ ގްލޯބަލް ޗެއިން ރެސްޓޯރެންޓެކެވެ،

ފަޒުލް ވިދާޅުވީ، ފަވީލާގެ މަސައްކަތް ފެށިގެން އައީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ކަމަށެވެ. ފަޒުލް ވިދާޅުވީ، މިތަން ތަރައްގީ ކުރަން ފަށައި އެންމެ ބޮޑު ޗެލެންޖަކަށްވީ ކުރު މުއްދަތެއްގެ ތެރޭގައި އެތަނުގެ މަސައްކަތް ކުރުން ކަމަށެވެ. އަދި އެ މަސައްކަތް މިއަދު ނިންމާލެވުނިއިރު، ދިގުލައިގެން ދިޔަކަން ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑަބްލިއުއެސްސީގެ އަމާޒަކަށްވީ ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ހިދުމަތެއް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން. ދެ ފަހަރެއްގެ މަތިން އިއުލާނު ކުރެވިގެން މި ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ފުރަތަަމަ ބުރުގައި މާބޮޑު ނަތީޖާތަކެއް ލިބިގެން ނުދިޔަ. ނަމަވެސް މިއަދު އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެންނަށް މިތަން މިއަދު ހުޅުވިގެން ދާއިރު ގްލޯރިއާ ޖީންސް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ފަވާލެވިގެންދާކަން". ފަޒުލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެންވެސް ޔާމީނު. މީދޯ ބޮއިކެޓް ކުރީމަވާގޮތަކީ؟ ގަދަޔަށް ބޮއިކެޓް ކުރޭ. ކުރޭ ކުރޭ ކުރޭ