އެމްއެމްޕީއާރްސީގެ ފަރާތުން ސްވިޒްލޭންޑްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ "ޖާނީ ޓު ދަ ސަނީ ސައިޑް" ރޯޑް ޝޯ އިއްޔެ ފަށައިފިއެވެ.

މި ރޯޑް ޝޯ ކުރިއަށް ދަނީ ސްވިޓްޒަލެންޑުގެ ބާސެލް އާއި ޒިއުރިކް އަދި ޖެނީވާގައެވެ.

މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހަ ކުންފުންޏަކުން ބައިވެރިވެފައިވާކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ. މި ރޯޑް ޝޯ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، މި ހަރަކާތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސްވިޒްލޭންޑުގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ގޮތަކާއި ގުޅޭޭގޮތުން މަޝްވަރާ ކުރާނެއެވެ.

ރާއްޖެ އިޝްތިހާރުކޮށް ފުޅާދާއިރާއެއްގައި ރާއްޖެ ތަމްސީލު ކުުރުމަށް ބާއްވާ މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ސިޓީއަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. މި ޗުއްޓީތައް ސްޕޮންސާކޮށްފައި ވަނީ ލަކްސް ނޯތު މާލެ އެޓޯލް އާއި ލަކްސް ސައުތު އަރި އެޓޯލްގެ އިތުރުން ޔޫ އެންޑް މީ ބައި ކޮކޫންނެވެ.

އެމްއެމްޕީއާރްސީން ބުނީ، މި ރޯޑް ޝޯގައި ރާއްޖޭގެ ފަރާތުން ޖެނީވާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާލާ ހަމީދު ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.

މި ރޯޑް ޝޯއަށް ގިނަބައެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.