ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރަޝިޕް އައު ކޮށް އިންސާނިއްޔަތަށްޓަކައި އެޖަމާޢަތުން ދޭ ހިދުމަތްތަކުގައި މިއަހަރުވެސް އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

އެގޮތުން ދިރާގުން ވަނީ ދިވެހި ރެޑް ކްރެސެންޓް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތުގައި ބައިވެރިވުމަށްގެ ކޯޕަރޭޓް މެމްބަރ އަކަށްވެ، ދިވެހި ރެޑް ކްރެސެންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވުމަކީ ރާއްޖޭގެ އަތޮޅުތަކުގައި ދެމެހެއްޓެނިވިގޮތެއްގައި މުޖުތަމަޢުގައި ހިންގާ ހަރަކާތްތައް ހިންގުމަށް ދެ ފަރާތުން ގުޅިގެން ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް އެޅޭ ވަރަށް މުހިއްމު ބިންގަލެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ މި އެހީ ވެގެންދާނީ ކުއްލި ހާލަތްތަކުގައި އާއި ކާރިސާތަކުގައި ދިވެހި ރެޑް ކްރެސެންޓުން އިޖާބަދިނުމަށް ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީ އަކަށް ކަމަށާއި، މިމަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ ދުޅަހެޔޮކަމުގެ އެހީއާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ގޮފިތައް މިރޮނގުތަކުން ތަރައްޤީކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށްވެސް ރެޑް ކްރެސެންޓުން ބުނެެއެވެ.

މިއަދު ދިރާގުގެ މައި އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލާ އައިޝަތު ނޫރާ ވިދާޅުވީ، ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ އެންމެ ފުރަތަމަ ކޯޕްރޭޓް މެމްބަރ ކަމަށާއި، އަދި މިމެމްބަރޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާކަަަމަށެވެ.

މީގެ އިތުރުން، ހަރުދަނާ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމާއި އިސްނެންގެވުން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ރަޝީދު ވަނީ ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ފާހަގަކުރައްވާފައެވެ.

ދިވެހި ރެޑް ކްރެސެންޓް އުފެދިފައިވަނީ 16 އޮގަސްޓް 2009 ގައެވެ.