އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީގެ ރައީސް ޓަކެހިކޯ ނަކާއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އޭޑީބީގެ ރައީސްގެ މިދަތުރުފުޅަކީ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އޭޑީބީގެ ރައީސް ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އޭނާ މަރުހަބާ ދެންނެވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއެވެ.

އޭޑީބީގެ ރައީސްގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއިބައްދަލުކުރައްވާނެއެވެ. އަދި މާދަމާ ކުރުނބާ މޯލްޑިވްސްގައި ބާއްވާ މަޝްވަރާ ބައްދަލުވުމެއްގައިވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭޑީބީގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ މާދަމާ ހަވީރުއެވެ.

އޭޑީބީއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. އެގޮތުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ހިންގުމަށް އޭޑީބީން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.