މި ހަފްތާގައި އެންމެ ގަދައަށް ދެކެވެމުންދަނީ މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެނެއި ބޮޑު ބަދަލުގެ ވާހަކައެވެ. އެގޮތުން މުދާ އުފުލޭނެ ގަޑިތަށް އިރުއޮއްސި 6 އަކުން ހެނދުނު 6 އަކަށް ބަދަލު ކޮށްފައިވާއިރު ދުވާލުގެ ވަގުތުގައި މާލޭގެ މަގުތަކުގައި މުދާ އުފުލުން މިހާރު ވަނީ މަނާކޮށްފައެވެ. އެއީ ސްކޫލުތަކާއި މަގުމަތީގެ ޓްރެފިކް ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ބުނެއެވެ.

މުދާ އުފުލާ ގަޑިއަށް ގެނެއި ބޮޑު ބަދަލާއި އެކު ފަތު އަޑުކިޔާ ފެތުރިގެން ދިޔަ އެއްވާހަކަ އަކީ ތަކެތީގެ އަގު އުފުލޭނެ ކަމެވެ. ނަމަވެސް މުދާ އުފުލާ ގަޑިތަކަށް ގެނެވުނު ބަދަލާއި ގުޅިގެން ބާޒާރުމަތީގެ އެއްވެސް މުދަލެއްގެ އަގަށް އަދި ބަދަލެއް އައިސްފައެއް ނުވެއެވެ. ހާއްސަކޮށް ކާޑުގެ ބާވަތްތަށް ކަމަށްވާ ހަނޑޫ ، ހަކުރު އަދި ފުށުގެ އަގުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ބާޒާރުގައި ވިއްކަން ހުރި ބާވަތްތައް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބާޒާރުގައި ފުށް ކިލޯއެއް 6 ރުފިޔާއަށް އުޅޭ އިރު ހަނޑޫ އަދި ހަކުރު ކިލޯއެއް އުޅެނީ 8 ރުފިޔާއަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ކާޑުގެ ބާވަތްތަކުގެ އަގު އުފުލޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. އެއީ ކާޑު ޑެލިވަރީ ކުރުމުގައި ރެއިން ފެށިގެން ކޮންމެވެސް ވަރެއްގެ ފީއެއް ނަގަމުން ދާތީ ކަމަށް އެފަރާތްތަކުން ބުނެއެވެ.

" ކާޑުގެ ބާވަތްތަށް ހަމަ ކުރިއެކޭވެސް އެއް އަގެއްގައި ލިބޭނެ. އެހެން ނަމަވެސް ކުދި ފިހާރަތަކަށް ކާޑުގެ ބާވަތްތަށް ޑެލިވަރީ ކުރުމުގައި ކޮންމެވެސް ވަރެއްގެ ފީއެއް އެބަ ނަގާ. އެކަމުގެ ސަބަބުން ފަހަރެއްގައި ކާޑުގެ އަގު އުފުލިދާނެ" ވިޔަފާރިވެރިއެއް "ވަގުތު" އަށް މައުލޫމާތުދެމުން ބުންޏެވެ.

ބާޒާރުގައި ވިއްކަން ހުރި ބާވަތްތައް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަދި މުދާއުފުލާ ގަޑިތަކަށް ގެނެވުނު ބަދަލުގެ ސަބަބުން ވިޔަފާރި އަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

ދުވާލުގެ ވަގުތުގައި މުދާ އުފުލުން މަނާކޮށްފައިވީ ނަމަވެސް ބާޒާރުމަތީ ފިހާރަތަކުން އޮޑިދޯނި ފަހަރަށް ކޮންމެ ގަޑިއެއްގައިވެސް މުދާ އުފުލޭނެ ކަމަށް އިކޮނުމިކް މިނިސްޓްރީ އިން ބުނެއެވެ.

މަހުގެ ބާވަތްތަކުގެ އަގަށް ވެސް މާބޮޑު ބަދަލެއް އައިސްފައެއް ނުވޭ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކާޑުގެ ބާވަތްތަކުގެ އިތުރުން އެހެން ބާބަތްތަކުގެ އަގަށްވެސް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން މަހުގެ އަގުތަކަށް ބަލާއިރު މާރުކޭޓުގައި ކަޅުބިލަ މަސް ކިލޯއެއް އުޅެނީ 30 – 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއް ގައެވެ. އަދި ކަންނެއްޔާއި ގޮދާ ކިލޯއެއްވެސް އުޅެނީ ހަމަ އެ އަގުގައެވެ.

ތަރުކާރީއާއި މޭވާއަށް ބަލާލާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ގިތެޔޮ މިރުހުގެ އަގެވެ. އެގޮތުން ކުރިން 170 -230 އާއި ދެމެދުގެ އަގުތަކެއްގައި މިރުސް ކިލޯއެއް ހުރި އިރު މިހާރު ބާޒާރުން މިރުސް ކިލޯއެއް ލިބެން ހުރީ 250 – 270 އާއި ދެމެދުގެ އަގުތަކެއް ގައެވެ. މޭވާގެ ބާވަތްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައި ހުރި އިރު ފަތުގެ ބާވަތްތަކުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ. އެގޮތުން ކޮޕީފަތް ބޮޑި އެއް 10 ރުފިޔާއަށް ލިބެން ހުރި އިރު ލެޓިޔުސް ކިލޯއެއް ލިބެން ހުރީ 70 -80 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރުގައި ވިއްކަން ހުރި ބާވަތްތައް - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބާޒާރުގައި ޓޮމާޓޯ އަދި ލުބޯ ކިލޯއެއް 50 ރުފިޔާއަށް ހުރި އިރު ފާގަ ކިލޯއެއް އުޅެނީ 55 ރުފިޔާއަށެވެ. ޖުމްލަ ގޮތެއްގައި ތަރުކާރީގެ ބާވަތްތަކާއި ފަތުގެ ބާވަތްތަލުގެ އަގު އުފުލިފައިވާއިރު މޭވާގެ ބާވަތްތަކާއި ފަލަ މަޑީގެ ބާވަތްތަކުގެ އަގުތަށް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނެވުނު ބަދަލާއި އެކު ބައެއް ވިޔަފާރިވެރިންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ތަކެތީގެ އަގުބޮޑުވާނެ ކަމަށް ބުނެ ހަބަރު ފަތުރާފައިވާއިރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ނެރުން ނޫސްބަޔާނުގައި ބުނެފައިވަނީ މުދާ އުފުލާ ގަޑިތަކަށް ގެނެވުނު ބަދަލަކީ މުދާ އަގުބޮޑު ކުރަން ޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި މުދާ އަގުބޮޑުކޮށް ވިއްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣޖހޖ

    ބުރޯ! މީގެ ދެމަސް ނޫނީ ތިން މަސްދުވަސް ފަހުންނޭ އަގު ބޮޑުވިޔަސް ނިވިޔަސް އިނގޭނީ! ހަމަ ހުރެފަ ކުއްލިޔަކަށް ނޭގޭނޭ އެވާ ބަދަލެއް!