މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި ގުޅިގެން ވިޔަފާރިވެރިން މުދަލުގެ އަގުބޮޑު ކުރޭތޯ ބަލަން ހާއްސަ ހޮޓްލައިނެއް ގާއިމުކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުން ގައުމަށް ގެންނަމުންދާ ތަރައްގީއާއެކު ޓްރެފިކާއި އެފަދަ ކަންތައްތައް އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަންތައް ހައްލު ކުރުމަށް ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މުދާ އުފުލާ ގަަޑިއަށް ބަދަލު ގެނައުމާއި ގުޅިގެން މުދަލުގެ އަގު މަތި ކުރާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މުދާ އަގުބޮޑު ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މުދާ އަގުބޮޑު ކޮށްފި ނަމަ އެ ހެދެނީ ވަރަށް ބޮޑު "މިސްޓޭކް" އެއް ކަމަށް ވިދާޅުވިއެވެ.

އެގޮތުން މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާއި ގުޅިގެން ވިޔަފާރިއަކުން މުދަލުގެ އަގުބޮޑު ކޮށްފިނަމަ ޝަކުވާ ހުށަހެޅޭނެ ހޮޓްލައިނެއް ވެސް ގާއިމުކުރަން މިހާރު ނިންމާފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހޮޓްލައިނެއްވެސް ހުޅުވާނަން. ހޮޓްލައިނަށް އެއްވެސް ފަރާތަކުން އަގުބޮޑުކޮށްގެން ޝަކުވާ ކުރަންޏާ އަޅުގަނޑުމެންނަށް ހުށަހަޅަންވީ. އޭރުން އަޅުގަނޑުމެން އެކަމެއް ބަލާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމާ ގުޅިގެން މަޖޫރީއިންގެ އަގުބޮޑުކޮށްފި ނަމަ އެ މަސައްކަތަކީ ހުޅުވާލެވިގެން ކުރިއަށްދާ ހިދުމަތަކަށް ހަދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕިކަޕް ޑްރައިވަރުން އަގުބޮޑުކޮށްފި ނަމަ މިހާރު އޮތް ކިއު ތަރުތީބު އުވާލައި އެހެން ޑްރައިވަރުންނަށް ފުރުސަތު ދޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ގޮތްގޮތައް ހައްލު ނުވެެއްޖެ ނަމަ ސަރުކާރުން އެ ހިދުމަތްތައް ދޭން ފަށާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ނިންމުމަކީ މުދާ އުފުލާ ގަޑިތަކަށް އެކަނި ގެނައި ބަދަލެއް ކަމަށާއި އެކަމަކީ އުޒުރެއް ކަމަށް ބަލައިގެން މުދަލުގެ އަގު ބޮޑު ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވީހާވެސް ހެޔޮކޮށް ތަކެތީގެ އަގު ބެހެއްޓުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލި ދީދީ

    ސަބާހޭ.. ވިޔަފާރި ވެރިންނަށް ބޭނުންހާ އެއްޗެއް މި ގައުމަކު ދެން ނުހެދޭނެ.. ސައިދު ކަލޯ ކެޔަސް ރައްޔަތުންނަށްވެސް ކާންދޭތި.. އެއީ ބޭބެ ދޭނެ ނަސޭޙަތަކީ.. ދިވެހިންނަކީ ދިވެހިން.. އަލިރަސްކެފާނެކޭ އަދިރިއަދިރިންނެކޭ ވަރިހަމަ އޭ ބުނި މީހުން..

  2. ބޮނޑި

    އިކޮނަމިކު ސަޢީދު ހުއްޕާފަހުންނަން ޖެހޭނީ! ވިޔަފާރިވެރިން ވިއްކާނީ ވިއްކާނެ އަގެއްގައި، މީހުންނަށް ކަންކަން އުނދަގޫވާގޮތަށް އަމާޒުކޮސްގެން ވާނެމޮލެއް ނޯންނާނެ ދެންއަތްޖަހަ!

  3. ނަން

    އިމާރާތް ކުއްޔަށް ދިނުމުގައި ވެސް މިންގަނޑުތަކެއް ހަދާކަށް ނުވޭބާ؟

  4. ޖެނެރަލް

    މިގޭ ތިރީ ފިހާރައިން މިރޭ ފެނުގެ އަގު 1ރ ބޮޑުކޮށްފި

  5. ހަސަން ހުސޭން

    އަވަހަށް ތި ހޮޓްލައިން ހުޅުވާ އޭރުން ރައްޔިތުންވެސް ތިކަންކަން ރުއްޓުމުގައި އެހީތެރިވާނެ ސާބަހޭ ތިކުރާހިތްވަރަށް