ސްޓެލްކޯ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"އަހަރެމެންގޭ ކަރަންޓު ބިލުވެސް މިމަހު ބޮޑުވެއްޖެ، ޤައިމު މިއޮއްހާ ދުވަހު ގޭގަ ބޭނުންކުރީ އެކައްޗެއް. ގޭގައި ހުންނާނީ އައިސްއަލަމާރިއަކާ، ދެތިން ފަންކާއާއި އޭސީއެއް. އަލަށް ފްރިޖެއްވެސް ނުގަނޭ، އޭސީ އެއްވެސް އިތުރެއް ނުވޭ، މީދެން އަޖައިބެއްނު! މީ ހަމަ ކަރަންޓު ބިލު ބޮޑު ކުރަނިއްޔޭ، މިފަހަރު ބަލާނަން މިވާގޮތެއް!"

ތި ކިޔާލެވުނީ މުޅިން އައި ޑައިލޮގެއް ނޫނެވެ. ޢާއްމުގޮތެއްގައި ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ގޭގެ ސިޓިންގ ރޫމުގައި އަޑުން އަޑުނަގާ ދައްކާ ވާހަކައެކެވެ. ނަމަވެސް ބިލް ދައްކާލުމުން އެވާހަކަ ނިމެނީއެވެ. އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަށް ނުދެކެންޏާ ދެން އެވާހަކަ ދައްކައިގެން ކުރާނެ ކަމެއްވެސް އޮވެދާނެކަމަށް ޤަބޫލު ނުކުރެވެނީއެވެ. ނަމަވެސް މިއީ މިހާ ހިސާބުން ދައްކާ ނިންމާލައިގެން ވާނެ ވާހަކައަކަށްވުރެ ސީރިއަސް މައްސަލައެކެވެ.

ވާނީވެސް އެހެންތާއެވެ. ގެއަށް އަލަށް ކަރަންޓު އިތުރަށް ބޭނުންކުރާނެ އެއްވެސް މެޝިނެއް ނުގެންނައިރުވެސް ކަރަންޓު ބިލު މިއޮތީ ބޮޑުވެފައެވެ. ނަމަވެސް މީ ކިހިނެތް ހިނގާ ކަމެއްތޯ ބަލައި ހައްލު ހޯދުން ވަރަށްވެސް މުހިންމެވެ. ޖީބަށާއި ތިމާވެށިގެ ހައްޤުގައިވެސް އެއީ ކުރަން މަޖުބޫރު ކަމެކެވެ. އާދޭހެވެ. ކަރަންޓު ބިލު ބޮޑުވަނީ ހަކަތަ ބޭނުންކުރެވޭ ނިސްވަތް އިތުރުވާ މިނަވަރަކަށެވެ. ފިނި ހޫނުމިން މައްޗައްދާ މިންވަރަކަށް ހަކަތަ އިސްރާފުވާ ނިސްބަތް ދާނީ އިތުރުވަމުންނެވެ. އިސްރާފުވާ ހަކަތައަކީ ބިލަށް އިތުރުވާ ފައިސާއެވެ. ކުރު ގޮތަކަށް މި ބުނެލަދިނީ ބިލަށް އިތުރުވާ ފައިސާއަކީ އިސްރާފުވާ ހަކަތައަށް ބިލްކުރާ ފައިސާއެވެ.

ސްޓެލްކޯ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"ހަކަތައަކީ ފިނިހޫނުމިން ތަފާތުވާ ވަރަކަށް އެއަށް ނަގާ ހަކަތަ އިތުރުވެގެންދާ އެއްޗެއް، ފިނިހޫނުމިން ތަފާތު ބޮޑުވާ ވަރަކަށް ހަކަތަ ގެއްލޭ މިންވަރު އިތުރުވެގެންދާނެ" މާލޭގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހިމް ނިޒާމް ވިދާޅުވިއެވެ.

މިވަރަކުން ފުއްދާލެވޭކަށް ނެތެވެ. ފިނިހޫނުމިން މައްޗަށް ދިއުމުން ހަކަތަ އިސްރާފުވަނީ ކޯއްޗަކުން ކިހިނެތްކަން ކޮންމެހެންވެސް އެނގެން އެބަޖެހޭ ނޫންތޯއެވެ. ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އައިއިރުވެސް ރެކޯޑް މިންވަރަކަށް ހަކަތަ އުފެއްދިފައިވަނީ ޤައިމު ކަރަންޓު ބޭނުންކުރާ މިންވަރު ނޭނގި ނަމަވެސް އެތައް ގުނައަކުން އިތުރުވެފައިވާތީކަން ޤައިމެވެ. ތަޖުރިބާކާރުން ވިދާޅުވަނީ، ހޫނު މޫސުމުގައި ހަކަތަ އިސްރާފުވާ މައިގަނޑު ދެ އާލަތަކީ އައިސްއަލަމާރިއާއި، އެއާކޯނެވެ. މި ދޭއްޗަކީވެސް އިސްރާފުވާ މިންވަރު ކުޑަކުރެވިދާނެ ތަކެއްޗެވެ.

"ބޭރުތެރޭގެ ފިނިހޫނުމިނަކީ 33 ޑިގްރީ ސެލްސިއަސް ނަމަ، ރޫމްގެ އޭސީ ވިއްސައް ތިރިކުރާނަމަ، ވަރަށް ބައިވަރު ހަކަތަ އެއަށްވެސް ބޭނުންވާނެ، ފިނިކޮށްލުމުގެ ނިޔަތުގައި އެއާކޯނުގެ ޓެމްޕެރޭޗަރ މާ ދައްނުކުރައްވައި، ވީހާވެސް މާހައުލުގެ ޓެމްޕެރޭޗަރ އާ ގާތްކުރާ މިންވަރެއްގައި ބަހައްޓަވާ" ހަކަތަ އިސްރާފުވުން ކުޑަކުރުމަށް އޭސީގެ ޓެމްޕެރޭޗަރ ގެންގުޅެންވީ ގޮތް އޮޅުން ފިލުވައިދެއްވައި ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހިމް ނިޒާމް ވިދާޅުވިއެވެ.

ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހިމް ނިޒާމް - ވަގުތު އިމޭޖެސް: އަމީން ފަހުމީ

"އައިސް އަލަމާރި ކަހަލަ އެއްޗެހި ގިނައިން ހުޅުވާ ލައްޕާ ކަމަށް ވަނީނަމަ، ވަރަށް ބައިވަރު ހަކަތަ ގެއްލިގެން އެދަނީ. އައިސްއަލަމާރި ހުޅުވާލާއިރަށް ވަރަށް ގިނަ ފިނިތަކެއް މާހައުލަށް ބޭރުވެގެންދާ އެއްޗެއް. ބޭރުގެ މާހައުލު ހޫނު ގަދަނަމަ އެ ބޭރުވާ ފިނިތައް ބޭރުވާ ނިސްބަތްވެސް އިތުރުވާނެ. އައިސް އަލަމާރީގެ ދޮރު ލައްޕާލުމާއެކު އަނެއްކާވެސް ފިނިކުރަން އެތައް ހަކަތައެއް ބޭނުންކުރާނެ." ނިޔާޒް ވިދާޅުވިއެވެ.

ތެދެކެވެ. ހޫނު މޫސުމުގައި ގެއަށް ވަންނަ ގޮތައް ފިނި ކޮށްލަން އޭސީ ސޯޅައަށް ލާފައި ދޮރުވެސް ލައްޕާލަން ހަނދާން ހުންނަނީ މަދު މީހެކެވެ. އައިސްއަލަމާރީގެ ދޮރު ލެއްޕިފައި ހުންނަ ވަގުތައްވުރެ ދޮރު ހުޅުވާފައި ހުންނަ ވަގުތު ގިނަވެ، ބޭނުންވާވަރަށް ފެން ފިނި ނުވެގެން ގަނޑުކުރާ ބަޔަށް ފެންއަޅާ ހަނދާން ވޭނޫންތޯއެވެ! ދެންމެ މި ފާހަގަކުރި ދެ ވަސީލަތުގެ ބޭނުން ހިފުމުގައި ސަމާލުވެ ވީހާވެސް ހަކަތަ އިސްރާފްވާ މިންވަރު ކުޑަކުރަން މަސައްކަތް ކޮށްފިނަމަ އިސާހިތަކު ތިކުރާ ޝަކުވާ ހުއްޓުމަކަށް އަންނާނެކަން ޤައިމެވެ.

ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވަނީ ފަރުވާ ކުޑަވުމުގެ ސަބަބުންނާއި، ހޫނުގެ ސަބަބުން އާންމު ދިރިއުޅުމަށް އަންނަ ބަދަލުގެ ސަބަބުންނެވެ. މާލެއަށްވުރެ އަތޮޅު ތެރޭގެ ރަށްތަކުގައި މި ބަދަލު އަންނަކަން ފާހަގަ ކުރެވޭ ނިސްބަތް ބޮޑުވާނެއެވެ. ސަރުކާރުން އަތޮޅު ތެރޭގެ ކަރަންޓުގެ އަގަށް ގެނައި ހެޔޮ ބަދަލާއި ގުޅިގެން މި މަހު އެކަން ފާހަގަ ނުވިނަމަވެސް ޢާންމު ގޮތެއްގައި މިއީ ދިމާވާ މައްސަލައެކެވެ.

ސްޓެލްކޯ - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މާލެއާއި އަތޮޅުތެރޭ މި މައްސަލައިގައި ތަފާތުވަނީ ދިއިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުންނޭ ދެންނެވިދާނެއެވެ. ގިނަ ރަށްރަށުގެ ރައްޔިތުންނަކީ ސާފުޠާހިރުކަމަށް ލޯބިކުރާ ބައެއް ދިރިއުޅޭ ރަށްތަކެވެ. އެގޮތުން ފަތިހުގެ ފިނިކަމާއެކު ގޭ ދޮރުމަތި ކުނިކަހާ ބީދައިން މެންދުރުގެ ހޫނުގެ ކުރިއަށް ގޭ ދޮރު މައްޗާއި ގޯތި ތެރެއަށް ފެންޖަހައި ހިރަފުހުސް އޮއްބާލާ ރައްޔިތުން މަދެއްނޫނެވެ. އާދަކޮށް ކޮންމެ ދުވަހަކު ކަން މިހެންވުމުގެ ސަބަބުން އެތައް ގަޑިއިރަކު ފެން މޯޓަރު ޖެހި ކަރަންޓު ބޭނުންކުރެވޭ މިންވަރު ހީވެސް ނުކުރާހާ އިތުރުވެގެންދެއެވެ. މިވާހަކަ ދައްކާއިރު ޖައްވު ހޫނުވުމުގެ ސަބަބުން އަރާމުގައި ފެންމާގަނޑު ދަށުގައި ފެންވަރާލަން ހޭދަކުރާ ވަގުތު އިތުރުވާކަންވެސް ހަނދާނުން ކައްސާ ނުލައްވާށެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުން ކޮންމެ އަހަރެއްގެ ފެބުރުވަރީ، މާރޗް، އެޕްރީލް އަދި މެއި މަހު މާލޭގައި ކަރަންޓު ބޭނުންކުރާ ނިސްބަތް 11 ނުވަތަ 12 އިންސައްތައާއި ދެމެދުގެ މިންވަރަށް އުފުލިގެންދެއެވެ. އަހަރުން އަހަރަށް ހޫނު މޫސުމުގައި ހަކަތަ އުފައްދަންޖެހޭ ނިސްބަތް މައްޗަށް ދަނީ ފިތްކަނޑައިގެންދާ މިންވަރަށެވެ. ވޭތުވެދިޔަ އަހަރުގެ ހޫނު މޫސުމުގައި ދުވާލަކު އުފައްދަންޖެހޭ ކަރަންޓު 56 މެގަވޮޓަށް އަރާފައިވާއިރު، މިއަހަރުގެ މާރޗު މަސް ނިމުމުއިރުވެސް މި އަދަދު ވަނީ 58 މެގަވޮޓަށް އަރާފައެވެ.

ހަކަތަ އުފައްދަންޖެހޭ މިންވަރު އިތުރުވާން ޤައުމުގައި ހަކަތަ އުފައްދާ ކުންފުނިތަކުން އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަކަތަ އުފައްވާ މިންވަރު މަދުކޮށް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ރައްޔިތުންނަށް ވީހާވެސް ލުއި ކަރަންޓު ބިލެއް ފޮނުވާށެވެ. ކަންމިހެން އޮތްހިނދު، ކަރަންޓު ބޭނުންކުރެވޭ މިންވަރު މަދު ކުރުމަށްޓަކައި ހަކަތަ އިސްރާފުކުރެވޭ މިންވަރު މަދު ކުރަންޖެހެއެވެ. ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިލްތިމާސަކީ ވީހާޥެސް ބޮޑަށް މިދެންނެވި ކަންކަމަށް ސަމާލުވެ، ހަކަތަ އިސްރާފުކުރުން މަދުކުރުމެވެ.

ކޮންމެ އެއްޗަކީވެސް އިސްރާފު ކުރެވިގެންވާނެ އެއްޗެއް ނޫނެވެ. ހަކަތަ އިސްރާފު ކުރުން މަދުކޮށް ޤައުމާއި، ތިމާވެއްޓާއި ޖީބަށް މަންފާކުރާނެ މަގު އިހްތިޔާރު ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގައިމު އަހަރެން ގެއިން އެއްޗެހި މަދުކުރީމައި ދެން އައި ބިލު -/247ރ ބޮޑު.

  2. ތެދުވާނީ ތެދަށް!!

  3. ބޭކާރު ވާހަކަ ނުދައްކަވާ . އެންމެ އޭސީ އެއްވެސް ނެތި، އައިސް އަލަމާރި ދުވާލަކު 2 ފަހަރު ހުޅުވަނީ. އެހެނިހެން މަސްތަކުގައި ބިލަށް އަރަނީ -/530 އާއި -/500 އާއި ދެމެދު އަދަދެއް މިފަހަރު ބިލަށް -/1200 ރުފިޔާ . މިގެއަކު ކަރަންޓް ބޭނުންކުރާ ވަރު ކުރިއަށް ވުރެ އިތުރު ނުވާނެ ކަމުގެ %100 ޔަގީން ކަން ދޭނަން. މީހުން ގަޅި ހައްދަން ފާޑުފާޑުގެ ވާހަކަ ނުދައްކަވާ..

  4. ސަރުކާރުން އެކި އަގު ތަކަށް ބިލްން ލާރި ނަގަނީ ސިޔާސީ ވަޒީފާ ތަކަށް މުސާރަ ބޮޑުކުރަން

  5. ކަރަންޓް ބިލް އެއީ މުސުމަށް ބޮޑުވެ ކުޑަވާ އެއްޗެއް ނޫން.. އެހެންނަމަ ވިއްސާރަ ދުވަސްކޮޅު ބިލަށް އެއްޗެއް ނާރާނެ އެންނު... މަކަރާއި ހީލަތުން ލާރިހޯދަން ސްޓެލްކޯ އިން ޖައްސާ ފޭކު..

  6. ހޫނުގަދަވީމާ އޭސީތައް ގިނަިއރުވީމާ ނުކެނޑި ގިނަިއރު ހުންނާނެއެވެ. އެހެންވީމާ ކަރަންޓްބިލް ބޮޑުވާނެކަން ޔަޤީނެވެ.

  7. ފްރީޑަމް މޫވްމެންޓް

    ހޫނުގަދަވުމުން ކަރަންޓް ބިލް ބޮޑުވަނީ ކަމަސް ބުނުމަކީ ހަމަޖެހޭކަމެއްތަ؟ ގޭގައި 3 ފަންކާ އަބދުވެސް ހުންނަނީ ޖައްސާފއި، 12 ވޮޓް ގއ 4 ލައިޓް ހުންނަނީ ދިއްލާފއި. ފެނމޯތަރ އަބަދުވެސް ބޭނުންކުރޭ އައސިްއަލަމާރި އަބދުވެސް ހުންނަނީ ޖައްސަފަ ހޫނުމޫސުން ނޫނަސް. އެހެންކަމށްވާނަމ ހޫނު މޫސުމްގައި ކަރަންޓް ބިލް %100 ބޮޑުވާންޖެހޭނެ ސަބަބެއްނެތް. އެހނެއް ނޫން %10 ޕަސެންޓް ގެ ތަފާތެއް އަތުވެދާނެ. ކަރަންޓް އިނގެނީ ހަމައެކަނި ސްޓެލްކޯ އާއި ފެނކައިގެ ތިބޭމީހުނަށް އެކަނި ނޫންކަން ގަބޫލުކުރައްވާ