މިއަހަރުގެ މެދުތެރެއާއި ހަމައަށް އާދެވުނުއިރު ވަރަށް ގިނަ ކަންތައްތައް ކުރެވިއްޖެ ކަމަށާއި ފާއިތުވި ފަސް އަހަރަށް ބަލާއިރު ފަތުރުވެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ މިއަހަރުގެ ފުރަތަމަ ހަމަހުގައި ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ކަނޑައަޅާފައިވާ ކޯޕަރޭޝަނަކީ އެމްއެމްޕީއާރުސީއެވެ.

އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލަވުމުގައި ތޮއްޔިބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފަރާތުން ފަތުރުވެރިކަން ކުރިއެރުވުމަށް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިއްޖެކަމަށެވެ. އަދި ރަނގަޅު ފީޑްބެކްވެސް ލިބިފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވީ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ބަލާއިރު ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމަކީ 2013 އިން ފެށިގެން މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށާއި އެމުއްދަތުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް 19 އިންސައްތަ ކުރިއަށް ޖެހިފައިވާކަމަށެވެ.

ރާއްޖެއަށް 21 އޮގަސްޓާ ހަމައަށް އެއްމިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އޭގެ ފަހުން 25 އޮގަސްޓާއި ހަމައަށް އައިއިރު 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވާ ކަމަށްވެސް ތޮއްޔިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޓާގެޓް ކަމަށްވާ 1.5 މިލިއަން ޓޫރިސްޓުން މިއަހަރުގެ ނޮވެމްބަރ މަހުގެ ކުރީ ކޮޅުގައި ހާސިލްވެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ޓާގެޓަށް ވާސިލްވާނެ ކަމަށް. އުންމީދު ކުރަނީ ނޮވެމްބަރު މަހުގެ ކުރީކޮޅު މި ޓާގެޓަށް ވާސިލް ވެވޭނެ ކަމަށް،" ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޔޫރަޕްގެ ވަރުގަދަ މާކެޓްތަކުން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިޓަލީވިލާތާއި ޖަރުމަނުވިލާތުގެ އިތުރުން އިނގިރޭސިވިލާތުންނެވެ. އަދި މި ގައުމުތަކުން ކޮންމެ އަހަރަކުވެސް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ މާކެޓުން ފާއިތުވި ހަމަސްތެރޭ 100 އިންސައްތައިގެ ކުރިއެރުމެއްވެސް ލިބިފައިވާކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްތެރޭ އިންޑިއާއިން 82،140 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން މިއަހަރު ހިންގި ޕްރޮމޯޝަނަލް ހަރަކާތްތަކަށް ބަލާއިރު:

  • 12 ގައުމެއްގެ 15 ފެއާއެއް
  • 13 ގައުމެއްގެ ފަސް ރޯޑް ޝޮ
  • 11 ފޭމް ޓްރިޕް ރޭވި
  • 11 ޕީއާރުން ހަމަޖެއްސި
  • 12 ޖޮއިންޓް ޕްރޮމޯޝަން
  • 2 ގްލޯބަލް އެޑްވަޓައިޒްމެންޓްސް
  • ޑެސްޓިނޭޝަނެއްގެ ގޮތުގައި 8 އެވޯޑް
  • 6 ނެޓްވޯކިން ޓްރިޕްސް
  • 2 ލޯކަލް އިވެންޓް
  • 12 އެންޑޮސްމަންޓް އިވެންޓް
  • 1 ގެސްޓް ހައުސް ޓްރެއިނިން

ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޔިބު ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތަކީ އަންނަ އަހަރަށް ޕްލޭންތައް އެކުލަވާލުން ކަމަށާއި އެކަމަށް މިއަހަރު ރަނގަޅަށް ކުރެވުނު ކަންތަކާއި ގޯސްކޮށް ކުރެވުނު ކަންތައް ބަލައި އެކަންތައް ރަންގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެސްޓް

    ތިކަމުގެ ހުރިހާ ތައުރީފެއް ހައްގު ވަނީ ވޭތުވެދިޔަ ސަރުކާރަށް. ޝުކުރިއްޔާ ރައީސް ޔާމީންގެ ޤާބިލު ސަރުކާރަށް.

    14
  2. ބަނޑޯސް

    މި އަހަރަކީ ރިސޯރޓް ތަކުން އެންމެ ގިނަ ދިވެހި މުވައްޒަފުން ވަކިކޮށް ،ބޭރު މީހުނަށް ވަޒީފާ ދިން އަހަރު.
    ވަރަށް ސަލާމް ދޮގު ސަރުކާރު. ބޭރު މީހުން ފައިބުޑުގަ ދޫހާކާ ސަރުކާރު

    14