ގާރލް ގައިޑްސް އެސޯސިއޭޝަނުން ބާއްވަމުންދާ 21 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕްގައި ދިރާގާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގުމަށް ފެސިލިޓޭޓަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގާރލް ގައިޑްސް އެސޯސިއޭޝަނުން ބުނީ، ކޮންމެ އަހަރަކުވެސް ކޭމްޕް ކުރިއަށްދަނީ މުޖްތަމައުގެ ތަފާތުގެ ކަންކަމަށް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ތީމްތަކަކަށް އަލިއަޅުވާލައިގެން ކަމަށާއި، މިފަހަރުގެ ކޭމްޕްގެ ތީމަކީ 'ސާރފް ސްމާޓް' ކަމަށެވެ.

އަދި މިފަހަރުގެ ކޭމްޕް އަންނަ ހުކުރު ދުވަހާއި ހަމައަށް ކ.މާފުށީގައި ކުރިއަށްދާނެ ކަމަށް ބުންޏެވެ. އަދި މިކޭމްޕުގައި މާލޭގެ އިތުރުން 14 އަތޮޅަކުން 36 ސްކޫލުން އުމުރުން 13 - 17 އަހަރާއި ދެމެދުގެ 290 ގައިޑް ކުދިން އަދި 59 ގައިޑް ލީޑަރުން ބައިވެރިވެފައިވާކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ 'ސާރފް ސްމާޓް'މި ޝިއާރަކީ 10 މިލިއަން މެންބަރުން ހިމެނޭ 'ވޯރލްޑް އެސޯސިއޭޝަން ފޮރ ގާރލް ގައިޑްސް އެންޑް ގާރލް ސްކައުޓްސް' އިން އިންޓަރނެޓް ބޭނުންކުރާ ގޮތްތަކާއިމެދު ހޭލުންތެރިކުރުމަށް ބޭނުންކުރާ ބެޖް ކަރިއުލަމްއެއް ކަމަށެވެ.

ރާއްޖޭގެ ގަރލްގައިޑް އެސޯސިއޭޝަނަކީވެސް ވެގްސްގެ މެންބަރަކަށްވާއިރު ތަރައްގީވެ ކުރިއަރަމުންމިދާ ޓެކްނޮލޮޖީގެ މި ޒަމާނުގައި މިކަމަށް ދިވެހި އަންހެންކުދީންނާއި އަންހެނުން ހޭލުންތެރިކުރުން އިހުނަށްވުރެ މުހިންމުވެފައިވާއިރު، މިއީ މި ދަނޑިވަޅަށް އެންމެ ބޭނުންތެރި އެއް ޝިއާރުކަމަށް ގާރލް ގައިޑް އެސޯސިއޭޝަނުން އަދި ދިރާގުންވެސް ގަބޫލުކުރެއެވެ. އަދި ނޮން-ފޯރމަލް އެޑިޔުކޭޝަންގެ ޒަރީޢާއިން ވީހާވެސް ގިނަ ކުދިންނަށް، ޚާއްސަކޮށް އަންހެންކުދިން އިންޓަރނެޓް ބޭނުންކުރާނެ ރަނގަޅު ގޮތް އޮޅުންފިލުވައިދެވުމަކީ، އެކުދިން ބާރުވެރިކޮށް، ޒިންމާދާރުވެ ހަރުދަނާވާނެކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ދިރާގުން ބުނީ، ދިރާގުން އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓޭޓަރސް ޓްރެއިނިންގ ޕްރޮގުރާމުގައި 34 ފެސިލިޓޭޓަރުންނަށް ރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތްތަކަށް ތަމްރީނު ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމު ނިންމުމަށްފަހު ކޮންމެ ފެސިލިޓޭޓަރެއް ވެސް ޕޮރޮގްރާމުގައި ދަސްވި ކަންތައްތަކުގެ މައުލޫމާތު އިތުރު 100 ކުދިންނަށް ހިއްސާ ކުރާނެ ކަމަށެވެ.

އަދި އިންޓަރނެޓަކީ މަޢުލޫމާތު ހޯދާ ލިބިގަތުމާއި އަދި އެކިފަރާތްތަކައި ގުޅުން ބަދަހިކޮށް ހުސްވަގުތުތައް ފުރާލަދިނުމަށް މިއަދު ކޮންމެ މީހެއްވެސް ބޭނުންކުރާ ވަސީލަތަކަށް ވުމާއެކު، ރައްކާތެރިކަމާއެކު ކޮންމެ ކުއްޖަކަށްވެސް އިންޓަރނެޓް ބޭނުންކުރަން އެނގުމަކީ މުހިއްމުކަމަކަމެއް ކަމުން މައިގަނޑު ތިން ބަޔަކަށް މި ބެޖް ކަރިކިޔުލަމްގައި އަލިއަޅުވާލާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ބެޖް ކަރިކިޔުލަމްގައި އަލިއަޅުވާލާނެ ކަންކަން

1. އިންޓަރނެޓްގެ މަންސާ ތަކާއި ހެޔޮ ގުޅުން
2. އިންޓަނެޓްގެ މަންސާ ތަކުގައި ދިމާވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުން
3. އަމިއްލަ އަބުރާއި ކަރާމާތް އިންޓަރނެޓްގެ މަންސާ ތަކުގައި ހިމާޔަތް ކުރުން

މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގައި އޮތް އަންހެންކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް ހިލޭސާބަހަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމިއްޔާއެވެ.

ދިރާގުން ބުނީީ، އެ ކުންފުނިން ދެކޭ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭގޮތަށް 34 ގައިޑް ލީޑަރުންނަށް 'ސާރފް ސްމާރޓް' ބެޖް ކަރިކިޔުލަމްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޓްރެއިންކުރެވުމަކީ މުޖްތަމަޢު އިން އެކަމުގެ ސަބަބުން ހެޔޮ ބަދަލެއް ފެނިގެންދާނެކަމެއްގެ ކަމަށެވެ.

ދިރާގު ޑިރެކްޓަރ ޑިޖިޓަލް ޓްރާންސްފޮމޭޝަން މުހައްމަދު މުއްސަފު ވަނީ ޚައްސަ ސެޝަނެއް ބައިވެރިންނަށް ނަގައިދެއްވާފައިއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕެޓްރޯލް ލީޑަރސް ކޭމްޕްގެ އަމާޒަކީ ގާރލްގައިޑް ކުދިންނަށް މިހަރަކާތުގެ މުހިންމު ކޮމްޕޯނަންޓެއް ކަމަށްވާ އައުޓްޑޯރ ކޭމްޕިންގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމާއި، އަމިއްލައަށް އިސްނަގައިގެން އެހެންމީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި އަދި ދިރިއުޅުމަށް ބޭނުންވާނެ ގިނަ ހުނަރުތައް ދަސްކޮށްދީ އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދިނުމެވެ.