ދިގު މުއްދަތަކަށް މައްސަލަ ނުޖެހި ބޭނުން ކުރެވޭނެ އަދި ތިމާވެއްޓާ ރައްޓެހި "ސްޓާޓް ބެޓެރީ" ރާއްޖެއަށް މިރޭ ތައާރަފް ކޮށްފިއެވެ.

ދަރުބާރުގޭގައި ކުރިއަށް ދިޔަ ހަފްލާގައި "ސްޓާޓް ބެޓެރީ" ތައާރަފް ކޮށްދެއްވީ އެހަފްލާގެ ޝަރަފްވެރި މެހުމާން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް އެވެ.

ޔޫރަޕްގެ މޮންބެޓް ކުންފުނިން އުފައްދާފައިވާ މި ބެޓެރީ އަކީ ހުރިހާ އުޅަދަކާއިވެސް ގުޅޭ ބެޓެރިއެކެވެ. ތިމާވެއްޓާއި ރައްޓެހި އުމުރު ދިގު މިބެޓެރި ފަރުމާކޮށްފައިވަނީ އަވި ދިނަސް ހޫނު ނުވާގޮތަށެވެ. ހުރިހާ މޫސުމަކާއި ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި ބެޓެރީގައި ވަނީ ފްލޭމް އެރެސްޓަރ ހަރުކުރެވިފައެވެ. އެންމެ މުހިންމު ކަމަކަށް ބަލާލާއިރު މި ބެޓެރިއަކީ މެއިންޓެނެންސް ފްރީ ބެޓެރިއެކެވެ.

މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން މެރިން ޕަވަރ ކުންފުނީގެ ޑިރެކްޓަރ ހަސަން އާދިލް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިހާރު ބޭނުމީ ތިމާވެއްޓާއި ރައްޓެހި ދިގު މުއްދަކަށް ބޭނުން ކުރެވޭ ބެޓެރިއެއްކަމަށެވެ. އެގޮތުން މިރޭ ތައާރަފް ކުރެވިގެން ދިޔަ ޔޫރަޕްގެ ބެޓެރީ ވެގެންދާނީ ރާއްޖޭގެ ތިމާވެއްޓާއި ގުޅޭ ބެޓެރިއެއް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އަދި ދިގު މުއްދަކަށް މައްސަލަ ނުޖެހި ބޭނުން ކުރެވޭނެ ބެޓެރިއެއްކަމުގައި އާއި، ކުންފުނިން ސްޓާޓް ބެޓެރީ ރާއްޖެއަށް ތައާރަފް ކުރަނީ ޓެސްޓް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓަރޓް ބްރޭންޑްގެ ބެޓަރީގެ ވައްތަރުތަކުގެ ތެރޭގައި، އޮޑި ދޯނިފަހަރާއި ލޯންޗް ފަހަރާއި އާގުބޯޓާއި އެހެނިހެން ކަނޑު އުޅަނދުފަހަރާއި ކާރާއި ޕިކަޕާއި ލޮރީ ބަހުގެ އިތުރުން އެއްގަމުގައި އިލެކްޓިކް ވެހިކަލާއި ހެވީ ވެހިކަލާއި އަސްކަރިއްޔާގެ ހާއްސަ އުޅަނދު ފަހަރަށް ހާއްސަ ބެޓަރީ ހިމެނެ އެވެ.

މިއީ އާންމު ހާލަތްތަކުގައި ނުގޮވާ ގޮތަށް "ފްލޭމް އެރެސްޓަރސް" ހަރުކުރެވިފައިވާ ބެޓަރީއެކެވެ. މި ބެޓަރީގައި ބޭނުންކޮށްފައިވާ އެންމެ ފަހުގެ ޓެކްނޮލޮޖީކަމުގައިވާ "ލިބަރެންތު ސިސްޓަމު"ގެ ސަބަބުން ބެޓަރީގެ އެތެރޭގައި ފެނާއި ގޭސް ބަރާބަރަށް ދައުރު ވެ، ބެޓަރީގައި ހުންނަ ދިޔަ އާތްވަށް ބަދަލުވުން މަދުކޮށްދެ އެވެ. އަދި މި ނިޒާމުގެ ސަބަބުން ބެޓަރީގައި ހިމެނޭ އިލެކްޓްރޯލައިޓް ލީކުވުން ހުއްޓުވަ އެވެ. ނަތީޖާއަކަށް ވަނީ، ހޫނުގަދަ މާހައުލުތަކުގައި ވެސް ބޭނުންކުރެވުމާއި، ބެޓަރީ ނުގޮވުމާއި ބެޓަރީގެ އުމުރު ދިގުވެގެން ދިއުމެވެ.

މި ބެޓަރީ އުފައްދާފައިވަނީ ކަނޑުގަދަވިޔަސް، އަޑިގުޑަން ތަންތަނުގައި ދުއްވިޔަސް ލޮޅުންތަކާއި ތެޅުންތައް މައިތިރިކުރެވި ބެޓަރީގެ އެތެރޭގެ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރެވޭ ގޮތަށެވެ.

މެރިން ޕަވަރ މޯލްޑިވްސް އަކީ ކޯލަރ ބްރޭންޑްގެ މެރިން ޖަނަރޭޓަރާއި ޖަޕާނުގެ މިޓްސުބުޝީ މެރިން އިންޖީނުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އަދި ސްޓަރޓް ބެޓަރީ އުފައްދާ ބަލްގޭރިއާ މޮންބަޓް ގްރޫޕްގެ ރާއްޖޭގެ އެޖެންޓަރީ ވެސް މެރިން ޕަވަރ މޯލްޑިވްސް އެވެ. މި ކުންފުނި ހިންގާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

މޮންބެޓް ގްރޫޕް ވުޖޫދަށް އައިސްފައިވަނީ މީގެ 60 އަހަރުކުރިން 1959 ވަނަ އަހަރުގައެވެ. އަދި އެ ކުންފުނިން އުފައްދާ ބެޓެރީގެ 70-90 ޕަސެންޓު ބެޓެރީ އަކީ ރީސައިކަލް ކުރާ މެޓީރިއަލްސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ބެޓެރީއެކެވެ.