މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކުތައް ކުނިކަހާ ސާފުޠާހިރުކޮށް ބެލެހެއްޓުމަށް 150 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ހޯދުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.

ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެކްޓިންގ މާކެޓިންގ މެނޭޖަރ އިސްމާއިލް އުބައިދު ވިދާޅުވީ މާލެ އަދި ވިލިމާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށުމަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދުމަށް މިމަމުގެ 10 އަދި 11 ވަނަ ދުވަހު ވޯކިންގ އިންޓަވިއުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ވެމްކޯގެ އެޑްމިން އެންޑް އެޗްއާރު މެނޭޖަރ މަރިޔަމް އައްޒަ ޢަލީ ރައޫފް ވިދާޅުވީ، މިމަހުގެ 10 އަދި 11 ވަނަ ދުވަހުގެ ހަވީރު 4 އިން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް މި އިންޓަވައުތައް ކުރިއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އެ ކުންފުނީގެ ވޭސްޓް ކަލެކްޝަން ސެންޓަރުގައިކަމަށެވެ.

އިސްމާއިލް އުބައިދު - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އިންޓަވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް ގެންނަން ޖެހިވަޑައިގަންވާނެ ކަމަށެވެ. އެ ދުވަހަށް ޕޮލިސް ރިޕޯޓް ލިބިވަޑައިނުގެންފިނަމަ، މުވައްޒަފުން ނެގުމުގެ ކުރިން ޕޮލިސް ރިޕޯޓް ހުށަހަޅުއްވަން ޖެހޭނެކަމަށްވެސް އައްޒަ ވިދާޅުވިއެވެ.

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ސާފު ކުށުގެ ރެކޯޑެއް އޮންނަންޖެހޭއިރު، ޞިއްޙަތު ރަނގަޅު ފަރާތްތަކަށް އިސްކަންދެވޭނެކަމަށް ވެމްކޯއިން ވިދާޅުވިއެވެ. މި ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި އެ މީހަކު ދިރިއުޅޭ ބްލޮކަކަށް އެމީހެއްގެ ވަޒީފާ ހަމަޖައްސައިދިނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާނެކަމަށްވެސް ވެމްކޯއިން ވިދާޅުވިއެވެ.

މަރިޔަމް އައްޒަ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ވެމްކޯއިން 7500ރ އާއި 8500ރ އާއި ދެމެދުގެ މުސާރައެއް ދިނުމަށް ހަމަޖެހިފައިވާ، 6 ގަޑިއިރު މަސައްކަތް ކުރަންޖެހޭ މި ވަޒީފާތަކަކީވެސް ދިވެހިންނަށް ފަހިވެގެންދިޔަ ފަހި ފުރުޞަތުތަކެއް ކަމަށާއި، މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކީ ޒިންމާދާރު، ކުރިއަށް އޮތްތަނުގައި އެމީހަކު މަސައްކަތްކުރާ ބްލޮކެއް ސާފުޠާހިރުކޮށް ބޭއްވުމަށްޓަކައި އެ ސަރަހައްދަށް ކުނިއަޅާ ފަރާތްތަށް ބަލައި ރިޕޯޓްކުރާނެ ޒިންމާދާރު ސަފީރުންތަކަކަށް ވެގެންދާނެކަމަށް އުބައިދު ވިދާޅުވިއެވެ.

މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކްތައް ސާފުޠާހިރުކޮށް ބެލެހެއްޓުމަށް ބޭނުންވާ ދިވެހި މުވައަޒަފުން ހޯދުމަށް ފުރުޞަތު ހުޅުވާލިއިރު، ވެމްކޯއަކީ މިހާރުވެސް މުޅި ކުންފުނީގެ 81 އިންސައްތަ ދިވެހި މުޒައްޒަފުންނާއެކު ހިންގަމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    2018 އިންޝާ ﷲ ޔަގީން

  2. ޕިންގު

    ކޮބާ ހުލުމާލެ

    • ހުޅުމާލެ ސަފީރު

      އެޗްޑީސީ އިންބަލަހައްޓަނީ މިހާރުވެސް.. ތިއިންމީހަކު ގޭދޮރުމަތިވެސް ކުނިކަހާނުލާ މިހާރުވެސް... އަދި އެނައަހައެއްނޫން ކޮބާހޭ ހުޅުމާލެ... ތިމާގެ އަމިއްލަ ޒިންމާ ނަގާފަ އަހާނީ ކޮބާހޭ އަނެކާގެ ޒިންމާގެ ވާހަކަ...

  3. ޕިންގު

    ކޮބާ ހުލުމާލެ މީހުން ނެއްތަ

  4. ޕިންގު

    ކުރީވެސް ތިކަހަލަވާހަކަޔެދެއްކި މިހުލުމާލޭގާ އެކަމަކުހަރާވީއެވެސްކަމެއް މެފަހަރުވެސް ހުލުމާލެ ނެތެއްނުތޯ

  5. ޒުބޭދާ

    ހުޅުމާލެވެސް ތިގޮތަށް ހުޅުވާލަން ފެނޭ، މިހާރުވެސް އެޗްޑީސީން ބިދޭސީން ލައްވައި އެކަން ކުރުވަނީ، އަސްލު އެންމެ ރަނގަޅު ގޮތަކީ ދިވެހިންނަށް އެ ފުރުޞަތު ހުޅުވާލުން ހުޅުމާލެގައިވެސް، ދިވެހިންގެ ފައިސާ ދިވެހިންނަށް، ދިވެހިންގެ ރަށް ސާފު ކުރުންވެސް ދިވެހިންނަށް، ބަންގްލަދޭޝް މީހުން އެކަން ކުރާލެއް ގޯހިކީނޫން، އެކަމަކު ދިވެހިންނަށް އިސްކަން ދިނުން މުހިންމު ކަމަށް ދެކެން އެޗްޑީސީ އަދި ވެމްކޯ