މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އާއި ޑރ ރެޑީސް އިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލްއެވެ. އެސްޓީއޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާރޖަން ޓީމުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ރިސާރޗް ތަކާއި އައު ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމެވެ.

އެސްޓީއޯއިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުންކަމަށެވެ.

މި ކޮންފަރެންސް އޮންނާނީ މި މަހުގެ 17 ން 19 އަށެވެ. މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލް އިން ހިންގާ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސެވެ.