މޯލްޑިވިއަން އިން ހދ.ކުޅުދުއްފުށްޓަށް ކުރަމުން އަންނަ ދަތުރުތަކުގެ ޓިކެޓް އޮންލައިންކޮށް ވެސް ނެގޭނެ އިންތިޒާމް އެއާލައިނުން ހަމަޖައްސައިފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކަށް ވެސް މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމުން މޯލްޑިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް އޮންލައިންކޮށް ޓިކެޓް ނެގޭނެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރުތައް ފެށީ 2019 އޮގަސްޓް 9 ވަނަ ދުވަހުއެވެ. މިހާތަނަށް ޓިކެޓް ވިއްކަމުން އައީ ޓިކެޓިންގ އޮފީސްތަކުން އެކަންޏެވެ.

ހަފްތާއަކު ތިން ފްލައިޓް ކުޅުދުއްފުއްޓަށް މޯލްޑިވިއަން އިން ދަތުރުކުރެއެވެ. ދަތުރުތައް ފެށި ދުވަސްކޮޅު ޓިކެޓް ލިބުމުގައި ވެސް ދަތިތައް ދިމާވިއެވެ. މިހާރު ވެސް ކުޅުދުއްފުއްޓަށް ދަތުރުކުރަން އޮންނަ ޑިމާންޑް ބޮޑުކަމަށް މައުލޫމާތު ލިބެއެވެ.

އުތުރުގެ އިޤުތިޞާދީ ހަބެއްގެ ގޮތުގައި ފާހަގަކުރެވޭ ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ފަށާ، ރަންވޭގައި ތާރުއަޅާ ނިންމީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ޓާމިނަލް ނިންމާ ދަތުރުތައް ފެށީ އޮގަަސްޓް މަހު އެވެ.