މިދިޔަ އޮގަސްޓުމަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު 14 އިންސައްތަ ދަށްވެއްޖެ އެވެ.

މީރާ އިން މިއަދު އާންމުކުރި އޮގަސްޓުމަހުގެ އާމްދަނީ ރިޕޯޓު ދައްކާގޮތުން މިދިޔަ މަހު 862.91 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން 30.9 މިލިއަން ޑޮލަރުން ލިބިފައިވެއެވެ.

މީރާ އިން ބުނީ އާމްދަނީ ދަށްވެފައިވަނީ ބީޕީޓީ އަދި ޖީއެސްޓީ ދައްކަންޖްހޭ ގިނަ ފަރާތްތަކުން ޓެކްސް ދައްކާފައި ނުވާތިއްޔާއި ލޭންޑް އެކުއިޒިޝަން ކޮސްޓް އަދި ކޮންވެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހު އެއާޕޯޓް ސާވިސް ޗާޖާއި، ގްރީން ޓެކްސް އަދި ރެމިޓަންސް ޓެކްސް ފިޔަވައި އެހެން ހުރިހާ ޓެކްސް އަކުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އަދި ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ ވެސް ވަނީ ދަށަށް ގޮސްފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެހެން މަސްތަކާއި އެއްފަދައިން އޮގަސްޓް މަހު ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ދައްކާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ވަނީ 481.7 މިލިއަން ރުފިޔާ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރި ފައިދާއިން ނަގާ ބީޕީޓީ އިންނެވެ. ބީޕީޓީގެ ގޮތުގައި މިދިޔަމަހު 114.6 މިލިއަން ރުފިޔާ ލިބުނެވެ. ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އޮގަސްޓް މަހު ލިބުނު އާމްދަނީ މަދުވި ނަމަވެސް ޖަނަވަރީ އިން ފެށިގެން އޮގަސްޓް މަސް ނިމުމާއި ހަމައަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާއިރު އިތުރުވެފައެވެ.