އިނގިރޭސިވިލާތުގެ މަޝްހޫރު ޗޮކްލެޓް އުފައްދާ ކުންފުނި، ކެޑްބަރީ އިން ދެން ނެރޭ ޗޮކްލެޓްގެ ޑިޒައިން ތައްޔާރުކުރުން، އެ ކުންފުނީގެ ކަސްޓަމަރުންނަށް ދޫކޮށްލައިފިއެވެ.

ކެޑްބަރީން ދެން ނެރޭ ޗޮކްލެޓްގެ ޑިޒައިން ތައްޔާރުކުރުން ކަސްޓަމަރުންނަށް ދޫކޮށްލާފައިވާއިރު، އެ ކުންފުނިން ވަނީ މިކަމަށް ޚާއްސަ މުބާރާތެއް ފަށާފައެވެ. "އިންވެންޓާ ކޮމްޕެޓިޝަން"ގެ ނަމުގައި ކުރިޔަށްގެންދާ މި މުބާރާތަކީ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިފަދަ ދެވަނަ މުބާރާތެވެ.

90 ހާހަށްވުރެ ގިނަ ފްލޭވާއެއްގެ ތެރެއިން ކަސްޓަމަރުން ބޭނުން ފްލޭވާއެއް އިޚްތިޔާރުކޮށް އޮންލައިންކޮށް މި މުބާރާތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިރު، ޗޮކްލެޓު ޑިޒައިން ކުރުމުގެ އިތުރުން، ޗޮކްލެޓު ތައްޔާރުކޮށް އެއަށް ނަމެއް ދިނުމުގެ ފުރުސަތުވެސް ބައިވެރިންނަށް ވަނީ ދީފައެވެ.

މި މުބާރާތާއި ގުޅޭގޮތުން ކެޑްބަރީން ބުނެފައިވަނީ، މުބާރާތުގެ ބައިވެރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހޮވޭ ތިން ފަރާތެއްގެ އުފެއްދުން ކެޑްބަރީގެ ދެން ނެރޭ ޗޮކްލެޓުގެ ގޮތުގައި ފެނިގެންދާނެ ކަމަށެވެ. އަދި އެފަރާތް ހޮވުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ފުންނާބު އުސް ފަނޑިޔާރުންގެ ޓީމަކުން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިމަހުގެ ނިޔަލަށް ކެޑްބަރީގެ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލާފައިވާއިރު، މި މުބާރާތުން ހޮވޭ ތިން ފަރާތަކަށް ކެޑްބަރީ ޗޮކްލެޓް ސެންޓަރަށް ޒިޔާރަތް ކޮށް ޗޮކްލެޓު އެކްސްޕާޓުންނާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެއަށްފަހު އެ ތިން އުފެއްދުމުގެ ސާމްބަލް، އިނގިރޭސިވިލާތުގެ ފިހާރަތަކުގައި ތިން މަސް ދުވަހަށް ވިއްކުމަށް ވަނީ ނިންމާފައެވެ.

ކެޑްބަރީން ބުނެފައިވާ ގޮތުގައި މި ތިން ސާމްޕަލްގެ ތެރެއިން ވަނައެއް ހޮވުން ދޫކޮށްލާނީވެސް އާންމު ފަރާތްތަކަށް ކަމަށެވެ. އެގޮތުން ކެޑްބަރީން ރަސްމީކޮސް ނެރޭނެ ޗޮކްލެޓެއް މި ތިން ޗޮކްލެޓުގެ ތެރެއިން ހޮވާނީ އާންމުންގެ ވޯޓަކުން ކަމަށް އެފަރާތުން ބުނެފައި ވެއެވ.