މޯލްޑިވް ގޭސްް ގެ ފަރާތުން އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ލުއި ފުޅީގެ ހާއްސަ ޕެކޭޖުތަކެއް ތަޢާރަފު ކޮށްފިއެވެ.

މި ޕެކޭޖުތައް ތަޢާރަފު ކޮށްފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މިއަދު ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައެެވެ.

ޕެކޭޖުތަކާއި ބެހޭގޮތުން މޯލްޑިވް ގޭސް ގެ މާކެޓިންގް މެނޭޖަރު، އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ، އެ ކުންފުނީގެ ބޭނުމަކީ ކަސްޓަމަރުންނަށް ލުއި ފުޅީގެ އަގުހެޔޮ، "ޓޯޓަލް ސޮލިއުޝަން އެއް" ހޯދައިދިނުން ކަމަށެވެ. އަދި މިއަދު ތަޢާރަފު ކުރަނީ އެގޮތުން ބަންޑްލް 2 އޮފާއެއް ކަމަށެވެ. އެއީ 'ލުއި ބޭސިކް' އަދި 'ލުއި ސްޓޭންޑާޑް' ޕެކޭޖެވެ.

"ޖީބަށް ލުއި ފަސޭހަގޮތަކަށް ކަސްޓަމަރުންނަށް ލުއިފުޅި ބައްލަވާގަނެވޭނެ ހިދުމަތްތަކެއް އަޅުގަނޑުމެންގެ ޕެޖޭކްތަކުގައި ހިމެނޭނެ". އައިންތު ވިދާޅުވިއެވެ.

މޯލްޑިވް ގޭސް އިން ލުއިފުޅީގެ އާ ޕެކޭޖުތަކެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މޯލްޑިވް ގޭސްގެ ލުއި ފުޅިއަކީ ރީތި ލުއި ފުޅިއެކެވެ. އަދި މިއީ އަލިފާން ނުހިފާ، ބަދިގެ ކަބަޑް ސެޓްވެސް ރީތިކޮށްލަދޭ ގޮތަށް ފަރުމާކޮށްފައިވާ ފުޅިއެކެވެ. މު ފުޅީގައި ދަނބަރެއް ނުޖަހާނައެވެ. އަދި އަލިފާނެއް ނުހިފާނެއެވެ. އެ ފުޅީގެ އާ ޑިޒައިނެއްވެސް މިހާރު ވަނީ ތައާރަފްކޮށްފައެވެ. އެ ޑިޒައިންގެ ގޭސްފުޅިވެސް މިހާރު ލިބޭނެއެވެ.

މޯލްޑިވް ގޭސް އިން މިއަދު ތައާރަފް ކޮށްފައިވާ ކޮންމެ ޕެކޭޖެއްގައިވެސް ޚާއްސަ ފީޗާސް ތަކެއް ހިމެނިފައި ވެއެވެ.

ލުއި ބޭސިކް - 10 ކިލޯގޭސް ފުޅި، 5 ފޫޓުގެ ހޮޅި، 2 ކްލިޕް، ސިލިންޑަރ ރެޖިސްޓްރޭޝަން، ހިލޭ ގޭސްފުޅި ގުޅައިދިނުން - ޕެކޭޖުގެ އަގަކީ 1250 ރުފިޔާ

ލުއި ސްޓޭންޑާޑް - 10 ކިލޯ ގޭސް ފުޅި، 5 ފޫޓުގެ ހޮޅި، 2 ކްލިޕް، ސިލިންޑަރ ރެޖިސްޓްރޭޝަން، ލޮކް ކުރެވޭ ސޭފްޓީ ރެގިއުލޭޓަރ، ހިލޭ ގޭސްފުޅި ގުޅައިދިނުން -ޕެކޭޖުގެ އަގަކީ 1435 ރުފިޔާ

މޯލްޑިވްް ގޭސް އިން ބުނީ، ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕެކޭޖު ތަކެއް އެ ކުންފުނިން ތަޢާރަފު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙު

    ކަމެއްކޮށްދެންޏާ ނިކަން މިހާރު މީހުންބޭނުންކުރާ ކުރީގެ ފުޅިތައް ހިލޭ ލުއި ފުޅިއަށް ބަދަލުކޮށްދީބަލަ.

  2. މުދިންބެ

    ދަބަރު ޖަހާލީކުވާން ކައިރި ވެފާހުރި ފުޅީތަކުގެ ބަދަލުގަ ލުއިފުޅި ބަދަލުކުރާގޮތަށް ކުރީގައިއޮތީ. މިވީ ކިހިނެއް. އަނެއްކާވެސް ފައިސާނަގަން ނިންމީ ކަސްޓަމަރުނަށް ލުއިފަސޭހަ ކުރަންތަ؟؟؟؟

  3. ޢަލި ފުތު

    އަޅުގަޑަށް ވިލާގޭސް އިން ލުއިފުޅިދިނީ ހިލޭ. 200 ރުފިޔާ ދިނީމަ އެތަނުން ފޮނުވައިދިނީ 10 ކިލޯގޭހާއެކު. ވިލާގޭސް އިން ދެއްވީ ގޭސްފުޅި ހިޅޭ. 10 ކިލޯ ގޭހަށް 200 ރުފިޔާ ނެންގެވީ. ރައްޔިތުމީހާގެ ކުންފުނި އެސްޓީއޯ އިން ވިލާގޭހުން ކޮއްދިންވަރުވެސް ނުވޭ.