ރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާއިރު ލޭބަލްކޮށްފައި ނުހުންނަ ނަމަ އެތަކެތި ވިޔަފާރިތަކަށް ދޫނުކުރާގޮތަށް ކަނޑައަޅައި، އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރެއިން މިންގަނޑުތަކަށް ނުފެތިގެން ހިފަހައްޓާ ތަކެތި ދޫކުރުމާއި ބެހޭ ގަވާއިދަށް ބަދަލު ގެނެސްފިއެވެ.

މިއަދު ހެލްތް މިނިސްޓްރީން އެކަމާއި ގުޅޭގޮތުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ދިވެހި ނުވަތަ އިނގިރޭސި ބަހުން ލޭބަލް ކޮށްފައި ނުވާ ކާބޯތަކެތި އަނބުރާ އެކްސްޕޯޓު ކުރިގައުމަށް ފޮނުވާނާ ކަމަށެވެ.

އަދި ކާބޯތަކެތި ލޭބަލްކުރުމަކީ އެތަކެތި އުފައްދާ މަރުހަލާގައި އުފެއްދި ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށާއި، އެނޫން މަރުހަލާއެއްގައި އެހެން ފަރާތަކުން ލޭބަލްކުރުމަކީ އޮޅުން އަރާފަދަ މަޢުލޫމާތު ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި މިއީ މިގޮތަށް ލޭބަލްކުރުމުގައި ބޭނުންކުރާ މަޢުލޫމާތު ޞައްޙަކަން ކަށަވަރު ކުރެވޭނެ ކަމަކަށް ނުވުމާއި އެތަކެތި އުފެއްދި ފަރާތް އެކުރި ލޭބަލްގެ ޒިންމާއިން ބަރިއްޔަވުމުގެ ފުރުޞަތުވެސް އޮތްކަމެއް ކަމަށްވެސް އެ އިއުލާނުގައި ވެެއެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިމަހުގެ 30 އިން ފެށިގެންކަމަށްވެސް އެ އިއުލާނުގައި ވެއެވެ.