މިއަހަރު ނިމިގެންދާއިރު ސަރުކާރުގެ މަސް ކުންފުނި މިފްކޯއަކީ ގެއްލުންނުވެ، ފައިދާވާނެހެން ހިނގާ ކުންފުންޏަކަށް ވެގެންދާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

މިއަދު މިފްކޯގެ މަސް ފެކްޓަރީ ހިންގަމުން އަންނަ ރަށެއް ކަމުގައިވާ ފެލިވަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އަމްރު ވިދާޅުވީ، އެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވަނިކޮށް ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވިއިރު އެތަނުގައި ރަނގަޅު ކެޕޭސިޓީއެއް ނެތުމާއި ބައެއް ފެސިލިޓީސް ހަލާކުވެފައިވާ ކަން އަމްރު ފާހަގަކުރިއެވެ.

"ކޭނަރީ އަކީ 1986 ވަނަ އަހަރު ހަދާފައިވާ ކޭނަރީއެއް. އެހެން ނަމަވެސް އެކޭނަރީ އެގޮތަށް އޮއްވާ މިހިސާބަށް އައިއިރުވެސް، ފެއްޓިއިރުވެސް 50 ޓަން. އޭގެ 33 އަހަރުފަހުން ވެސް 50 ޓަން" އަމްރު ވިދާޅުވިއެވެ.

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސްގައި އެސްޓީއޯގެ އެމްޑީ އަމްރު މީޑިއާތަކަށް މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މިފްކޯ އަށް އެންމެބޮޑު ގެއްލުމެއްވަނީ މަސްވެރިން ދުވަހުން ދުވަހަށް ބާނާމަސް ބަންދުކޮށް، ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީއެއް ނެތުމުންކަމަށެވެ.

އެގޮތުން ރާއްޖޭގައި މަސް ބަންދުކޮށް، ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ތައިލެންޑަށް އެކްސްޕޯޓު ކުރަން ޖެހުމުން ރާއްޖެއަށް ވާދަ ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"ތައިލެންޑަށް ގެންގޮސް ވިއްކާލަން މި ޖެހެނީ ގަންނަ އަގަށްވުރެ 400 ޑޮލަރު އަގު ހެޔޮކޮށް. މިހެން ވިއްކާލީމަ ރާއްޖޭގެ މަސް ބަންދު ކުރަނީ، ބަންދުކޮށްފަ ދަޅުގައި މި ޖަހަނީ ރާއްޖޭގެ މަސް. އެއް ބަޔަކު މިތިބެނީ ގަންނަން. އެހެންވެ އަޅުގަނޑުމެން ގެންގޮސް ދަޅު ދައްކާލާފަ ބުނަނީ ރާއްޖޭގެ މަހޭމީ. ބުނީމަ ތައިލެންޑު މީހުން ވެސް ހަމަ މި ދައްކަނީ އެ، ދައްކާފަ ބުނަނީ އެއަށް ވުރެ އަގު ހެޔޮކޮށް." އަމްރު ވިދާޅުވިއެވެ.

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސް- ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އަމްރު ވިދާޅުވީ، ދިވެހި މަސްވެރިންނަށް ރަނގަޅު އާމްދަނީ އެއް ލިބިގެންދާނީ ކުންފުންޏަށް ގެއްލުން ނުލިބި ހިންގާގޮތަށް ހަދައިގެން ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަމަށެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ފެލިވަރުގެ ކެޕޭސިޓީ ބޮޑު ކުރަން ފަންޑު ވެސް ލިބިފައިވާ ކަމަށެވެ. އަދި އެމަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށާއި މަސައްކަތް ނިމޭއިރު، ފެލިވަރު ކޭނަރީ އާއި އެހެނިހެން ކަންކަން ރަނގަޅު ފެންވަރަކަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެލިވަރު ކޭނަރީ މިހާރު ހުރި ވަރަށް ވުރެ ބޮޑު ކުރަން ފަންޑު ލިބިފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ. އަމްރު ވިދާޅުވީ، އެކަމުގެ އިތުރު މައުލޫމާތު އެނގިލައްވާނީ ފިނޭންސް މިނިސްޓްރީ އަށް ކަމަށެވެ. އެހެން ނަމަވެސް ފެސިލިޓީސް ތަކުގެ ކުރެހުން އެބަހުރި ކަމަށާއި އެމަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށާއި މަސައްކަތް ނިމޭއިރު، ހުރިހާ ކަމެއް ރަނގަޅު ފެންވަރުގައި ދެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ފެލިވަރު ފިޝަރީސް ކޮމްޕްލެކްސް- ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

އެހެން ކަމުން ސަރުކާރުގެ އާ ވިސްނުންތަކާއެކު މިފްކޯއަކީ މަސްވެރިންނަށާއި އެހެން ފަރާތްތަކަށް ގެއްލުންނުވެ ހިނގަމުން އަންނަ ކުންފުންޏަކަށް މިއަހަރު ހެދޭނެ ކަމަށްވެސް އަމްރު ވަނީ ވިދާޅުވެފައެވެ.

އަމްރު ވަނީ މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގައި އެންމެ ބޮޑު ހިއްސާއެއް ކުރާ ސިނާއަތްކަންވެސް ފާހަގަކޮށްފައެވެ. މިގޮތުން އަމްރު ވިދާޅުވީ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމުން އިގްތިސޯދަށާއި މަސްވެރިކަމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމުގައެވެ. ރާއްޖޭގައި އާންމު ގޮތެއްގައި މަސްވެރިކަމުގެ ޕީކް ސީޒަނަކީ ނޮވެމްބަރ އިން ފަށައިގެން ފެބްރުއަރީ މަހާއި ހަމައަށެވެ. އެހެން ނަމަވެސް މިއަހަރު ޕީކް ސީޒަން މިއޮތީ މާ ކުރިން ބޯމަތި ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    ???

    4
    1
  2. އަމުރުލް އުމަރު

    އަންނަ އަހަރަކީ އަންނަ އަހަރު. ދުވަހަކުވެސް އައިސްފައި އޮންނަ އަހަރަކަށް ނުވޭ.

    17
    2
  3. މުއްތު

    އަމުރު ތިކުރާ މަސައްކަތަށް ސާބަސް

  4. ބެއްޔާ

    މަސްނުގަނެ ކިހިނަކުން ފައިދާވާ ކުންފުންޏަކަށް ހަދާނީ. އެމްޓީސީސީއަށް އެދިގޮތަށް ނަހަދައްޗޭ.