ރާއްޖޭގެ މަސްވެރިކަމަށް އެންމެ ބޮޑު ގެއްލުމެއް ވަނީ މަސްވެރިން ބާނާ މަސް ބަހައްޓާނެ ސްޓޯރޭޖެއް ނެތުމުން ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯގެ މަސްފެކްޓަރީ ހުންނަ ފެލިވަރުގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، މިފްކޯ އަށް އެންމެ ބޮޑަށް ގެއްލުންވަނީ މަސްވެރިން އަތުން މަސް ނަގައި، މަސް ބަންދުކޮށް، ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީ ނެތުމުން ކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަން ރަނގަޅުވިއިރު އެތަނުގައި ރަނގަޅު ކެޕޭސިޓީއެއް ނެތުމާއި ބައެއް ފެސިލިޓީސް ހަލާކުވެފައިވާ ކަން އަމްރު ފާހަގަކުރިއެވެ.

ރާއްޖޭގެ ޕީކް ސީޒަން ބޯ މަތީ އޮއްވާ މަސްވެރިން ދުވާލަކު މައްޗަށް 50 ޓަނާއި 100 ޓަނާއި ދެމެދު މަސްބާނާ މިފްކޯއަށް ކިރަން ދެއެވެ. ފެލިވަރުގައި ދުވާލަކު ބަންދުކުރެވެނީ 65 ޓަނު މަހެވެ. އަދި އައިސްކޮށްފައި ރައްކާކުރެވެނީ 750 ޓަނު މަހެވެ. އައިސްކުރުމަށްފަހު ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ބެހެއްޓެނީ 15 ޓަނުގެ މަހެވެ.

50 ޓަނާއި 100 ޓަނުގެ މަސް ބާނައިގެން ފެލިވަރަށް ކިރާލުމުން ސްޓޯރޭޖްތަށް ހުންނަނީ ފުރިފައެވެ. ދުވާލަކު 65 ޓަނުގެ މަސް ކިރުމަށްފަހު ބާކީ 100 ޓަނު ހުރެއެވެ. މި 100 ޓަނުގެ މަސް ފަހުން ބޭނުން ކުރަން ރައްކާކުރާނެ ޖާގަ ނެތުމުން ޖެހެނީ ތައިލޭންޑަށް ގަންނަ އަގަށްވުރެ 400 ޑޮލަރު ހެޔޮ ކުރުމަށްފަހު ވިއްކާލާށެވެ.

މިކަންކަމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އާ ޕްލޭންތަކާއެކު މިފްކޯއަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ހެދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.