މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ރާއްޖޭގެ 85 ޕަސެންޓް ރިސޯޓަށް ލިބުނު ޖުމްލަ އާމްދަނީ އިތުރުވި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ބިޒިނަސް ސާވޭއިން ދައްކައިފިއެވެ.

އެ ސާވޭގައި ބުނެފައި ވަނީ އެ ސާވޭގައި ހިމެނި 85 ޕަސެންޓް ރިސޯޓަށް ލިބުނު އާމްދަނީ އިތުރުވުމުގެ އިތުރުން 75 ޕަސެންޓް ރިސޯޓަށް ލިބުނު ބުކިން ވެސް އޭގެ ކުރީ ކުއާޓަރަށް ވުރެ އިތުރުވި ކަމަށެވެ.

ސާވޭއިން ދެއްކި ގޮތުގައި ފަހު ކުއާޓަރުގައި ރާއްޖޭގެ ރިޒޯޓްތަކުގެ ތެރެއިން 92 ޕަސެންޓް ރިޒޯޓުން ވަނީ އެނދު ވިއްކި އަގުވެސް ބޮޑުކޮށްފައެވެ.

އެމްއެމްއޭގެ ސާވޭ އިން ދައްކާ ގޮތުގައި ފަހު ކުއާޓަރުގައި 50 ޕަސެންޓް ރިސޯޓުގެ މާލީ ހާލަތު ވެސް ރަނގަޅުވިއިރު އަނެއް 50 ޕަސެންޓް ރިސޯޓްތަކުގެ މާލީ ހާލަތަށް ބަދަލެއް ނާންދެއެވެ.

އަދި 50 ޕަސެންޓް ރިސޯޓުގައި ވިޔަފާރިކުރުމަށް ކުރި ހަރަދު އިތުރުވެފައިވާއިރު 56 ޕަސެންޓް ރިސޯޓުން މުވައްޒަފުންނަށް ކުރި ހަރަދު ވެސް އިތުރުވި ކަމަށް ސާވޭ އިން ދައްކަ އެވެ.

އެ ސާވޭގައި ލަފާކޮށްފައި ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ރިސޯޓުތަކުގެ ޖުމްލަ އާމްދަނީ އާއި ބުކިން އިތުރުވާނެ ކަމަށެވެ. މިގޮތަށް ލަފާ ކޮށްފައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓުއަރިޒަމް ދަށްވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.

އެމްއެމްއޭގެ ސާވޭގައި މައުލޫމާތު އެއްކުރި 56 ޕަސެންޓް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އެ ކުއާޓަރުގައި އިތުރު ވެފައި ނުވެއެވެ. ނަމަވެސް 38 ޕަސެންޓް ރިސޯޓުގައި މުވައްޒަފުންގެ އަދަދު އިތުރުވެފައިވާ ކަމަށް ދައްކަ އެވެ.