މި ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭޝިއަން އިންފްރާސްޓްރަކްޗަރ ބޭންކް (އޭއައިއައިބީ) އިން ބުނެފިއެވެ.

އެ ބޭންކުން މިހެން ބުނެފައި ވަނީ ޗައިނާ އަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ބެންކުގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ޑީ ޖަގަތީސާ ޕާންޑިއަން އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އޭއައިއައިބީގެ މައި އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާއި ބެހޭ ގޮތުން އެބޭންކުގެ އިސްވެރިންނަށް މިނިސްޓަރ ޝާހިދު މައުލޫމާތު ދެއްވިއެވެ. އަދި އޭއައިއައިބީ އާއި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އޭ.އައި.އައި.ބީގެ ނައިބު ރައީސް ޕާންޑިއަންގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭންކުގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލާއ، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދުއާއި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ޗައިނާގައި ތިބި ދިވެހި ކިޔަވާކުދިންނާވެސް ބައްދަލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބުދުﷲ

    މިކަމުގެ ޒައާމަތުގާ ބައިވެރިވި ބެން ކެއްބާ ، އަދި މިބެންކުގާ ބައިވެރިވުމަށް މަސައްކައް ކުރީ ކާކުގެ ވެރި ކަމެއްގަބާ

  2. ހާދަހީވޭ އެހީއެއް ވެދޭނޭ

    އެހީވުމާ ލޯނުދިނުމާ މިއީ ދެކަމެނޫންތަ.. ލޯނެ ދިނުމަކީ އެހީވުން ކަމަށްވަންޏާ ދަރަނި ނަގައިގެން ނުއެއްދަރާނެ.. ސަރުކާރުގެ ދަރަނި ރީތިކުރަން ދަރަންޏަކީ އެހީކަމަށް ރައްޔިތުންނަވިސްނަދެނީ.. ބީއެމްއެލްއިން އހަންދީފައޮތް އެހީ ކޮއްމެ މަހަކު އަހަރެން މިދަނީ ދައްކަމުން.. ނުދައްކައިފިނަމަ އަހަންނަ އަދަބުލިބޭނެ.. އަހުމަދު ދިން 5000ރުފިޔާ އަހަރެން ދައްކާކަށް ނުޖެހޭ.. އަހަންނަ އެއްވެސް ޝަރުތެނެތި އޭނަގެ ދީލަތިކަމުން ދިންއެއްޗަކަށްވީތީ.. ތަފާތު ދެވައްތަރެއްގެ އެހީ އެހެންނޫންތަ..