ޓީޓީއެމް ފެއާގެ ސްޕޮންސަރުންނާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

ޓީޓީއެމް ފެއާގެ ސްޕޮންސަރުންނާއެކު ސޮއި ކުރީ މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގައި ބާއްވާ ހަމައެކަނި ޓޫރިޒަމް ފެއާ ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް 2018 ގެ މެއިން ސްޕޮންސަރަކަށް ހަމަޖެއްސީ އެމްޓީސީސީ އެވެ. ފެއާެ އިންޖީން ޕާޓްނަރަކީ ޔަންމާ އެވެ.

ޓީޓީއެމް ފެއާގެ މެއިން ސްޕޮންސަރެއްގެ ގޮތުން އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނަރަލް މެނޭޖާ އިސްމާއިލް އަދުހަމް އެވެ.

ގޯލްޑް ޕާޓްނަރުންގެ ގޮތުގައި އަލްޝާލީ މެރައިން މޯލްޑިވްސް، އުރީދޫ، އެލައިޑް އިންޝޫރެންސް އަދި ފިޔުއެލް ސަޕްލައިސް މޯލްޑިވްސް ހިމެނެ އެވެ.

ޓީޓީއެމް ފެއާގެ ސްޕޮންސަރުނާއި އެކު ސޮއި ކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ
ޓީޓީއެމް ފެއާގެ ސްޕޮންސަރުނާއި އެކު ސޮއި ކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ޓިޓީއެމް ފެއާގައި މިހާތަނަށް 100 އަށްވުރެ ގިނަ ކުންފުނިން ވަނީ ބައިވެރިވެފައެވެ. ޓީޓީއެމް ފެއާގައި ހިމެނޭ "ޓީޓީއެމް ގާލާ ނައިޓް" އޮންނާނީ އަދާރަން ސެލެޓް ހުދުރަންފުށީގަ އެވެ. މި ހަރަކާތް އޮންނާނީ މެއި ދެވަނަ ދުވަހުގެ އެވެ.

ޓީޓީއެމް ފެއާ މި އަހަރު ބާއްވަން ތައްޔާރު ވަމުން ދަނީ ދަރުބާރުގޭގައި މެއި މަހުގެ 1-3 ގެ ނިޔަލަށެވެ. ދަރުބާރުގޭގައި ފެއާ ކުރިއަށްދާނީ އާންމުންނަށް ހުޅުވާލައިގެންނެވެ. ފެއާގައި ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ޓޫރިޒަމްގެ އެހެނިގެން ފަރާތްތައް ހިމެނޭ ގޮތަށް 140 ފަރާތަކުން ބައިވެރިވާނެ ކަމަށް ބެލެވިފައިވާއިރު މި އަހަރުގެ ފެއާގައި އިންޓަނޭޝަނަލް ބަޔަރުންނާއި މީޑިޔާ ހިމެނޭ ގޮތަށް 200 ފަރާތެއް ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ޓީޓީއެމް ފެއާގެ ދަށުން އޮންނަ ހޮޓެލިއާ ސަމިޓު ހާއްސަކޮށްފައި ވަނީ ޓޫރިޒަމް ދާއިރާގެ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ބައްދަލުކުރާ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.މި ސަމިޓުގައި ހަތަރު ޕެނަސް ޑިސްކަޝަންއެއް ކުރިއަށްދާއިރު، 150 ޓޫރިޒަމް ވެރިން ބައިވެރިވާނެ އެވެ.

އަދި މި އަހަރު މުޅިން އަލަށް އިތުރުކޮށްފައިވާ "ސަޕްލަޔާ އެކްސްޕޯ" ހާއްސަކޮށްފައިވަނީ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށެވެ.