ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް މިދިޔަ އަހަރު 110 މިލިއަން ރުފިޔާގެ ފައިދާވި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ދިޔަ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ އަހަރު ސްޓެލްކޯއަށް 110 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ އިރު މިއީ 2017 ވަނަ އަހަރާއި ބަލާއިރު 109 އިންސައްތައިގެ އިތުރުވުމެކެވެ.

މުޣުނީ ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނިން ބިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ކުރެވިފައިވާ ކަމަށާއި، މި އިންވެސްޓްމަންޓްތަކުގެ 90 ޕަސެންޓަކީ ހުޅުމާލޭގައި ހިންގާ ފިފްލްޕަވާ މަޝްރޫއު އަށް ކަމަށެވެ. އަދި އިތުރު 10 ޕަސެންޓްވަނީ ކެޕިޓަލް އިންވެސްޓްމަންޓް ތަކަށް ހޭދަކުރެވިފައި ކަމަށް އޭނާ ފާހަގަކުރިއެވެ.

ޗެއާމަން މުހައްމަދު ރަޝީދު ވިދާޅުވީ، ސްޓެލްކޯގެ މިދިޔަ އަހަރުގެ ކާމިޔާބީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ މާލީ ގޮތުން ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

"މިދިޔަ އަހަރު މާލީ ގާބިލްކަން ވަނީ އިތުރުވެފައި. ސްޓެލްކޯ އިން ވަނީ ތަރައްގީގެ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކޮށްފައި. މިގޮތުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނީގެ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ސާފު ބޯފެނުގެ ހިދުމަތްތައް ވަނީ ތައާރަފު ކުރެވިފައި،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުގެ ދަށުން ޔާދަކުރަނިވި ހަކަތައިގެ މަސައްކަތް ތަކެއް ކުރުމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް އުފެދިފައިވަނީ 1997 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަބުދުﷲ

  މިދިޔަ އަރަނީ 20180 ތޯ އެވެ، އެއީ ކާކުގެ ޒައާމަތުގާ ނުވަތަ ވެރިކަމެއްގަ ލިބިފަވާ ކުރިއެރުމެއް ތޯ

 2. އެހީ

  ތިޔަތަނުން 10މިލިޔަން މިވަޤުތު ހާލުގައި ޖެހިފަ ތިބި މީހުންނަށް ދިނިއްޔާ ކީއްވާނީ. . .

 3. ގލޅ

  ތިޔައީ ބޮޑުރައީސް ވެރިކަމަށް އައުމުން ލިބުނު ކުރިއެރުމެއް
  ކަމަށް ވެދާނެއެވެ އޭނާ ވަރަށްގިނަ މަސައްކަތްތައް އެބަ
  ކުރެއެވެ ބުރިޖުވެސް ނިންމީ އޭނާއެވެ