ހުކުރު ދުވަހު ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުންވެ ގޮދޮރު ގެއްލިފައިވާ ފަރާތްތަކަށް މޯލްޑިވް ގޭސް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފއެވެ.

އެ ކުންފުނިން މިއަދުކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވް ގޭހުގެ "ލުއި ސްޓޭންޑާޑް" ޕެކޭޖުތައް ފޯރުކޮށްދިނުމަށް ނިންމައިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެކުންފުނިން ބުނީ އެ ފަރާތްތަކަށް ގޭސް ފޯރުކޮށްދެނީ ގެދޮރު ގެއްލުމުގެ ސަބަބުން އެފަރާތްތަކަށް ދިމާވާ ކައްކާ ގޭހުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި ރޯވެ އަލިފާންގަނޑު ފެތުރުމުގެ ސަބަބުން އަލިފާނުގެ އަސަރުކޮށްގެން 400 އަށްވުރެ ގިނަ މީހުން އެހީހޯދުމަށް ރަޖިސްޓްރީވެފައިވާކަމަށް ޑިފެންސް މިނިސްޓްރން ވަނީ ހާމަކޮށްފައެވެ. މި ހާދިސާގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނި ތަކާއި ޖަމިއްޖާ ޖަމާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

މި ހާދިސާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހި ކަން ފޯރުކޮށްދެވޭނެ ވަކި މުއްދަތެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރުން އެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ބައެއް ފަރާތްތަކުން މިހާރު ވަނީ މާލޭގެ އެހެން ގެތަކަށް ބަދަލުވެފައެވެ.