ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން 80 މިލިއަން ރުފިޔާގެ ބޮންޑާއި 200 މިލިއަން ރުފިޔާގެ ޞުކޫކް ވިއްކަން ފަށައިފިއެވެ.

އެޗްޑީއެފްސީ އިން މި ފަހަރު ވިއްކަން ހުޅުވާލާފައިވަނީ 80،000 ބޮންޑެވެ. ބޮންޑެއް ވިއްކާ އަގަކީ 1،000ރ. އެވެ. މި ފަހަރުގެ ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށެވެ. އަހަރަކު ދެ ފަހަރު ފައިދާ ބަހާއިރު ބޮންޑު ދޫކުރަނީ ހަތް ޕަސެންޓުގަ އެވެ. އަދި އިސްލާމިކް ބޮންޑް ނުވަތަ ސްކޫކް ވިއްކާނީ 1،000ރ. އަށެވެ. އެގޮތުން ޖުމްލަ 200،000 ސްކޫކް ވިއްކަން އެކުންފުނިން ވަނީ ނިންމާފައެވެ.

އެކުންފުނިން މައުލޫމާތު ދިން ގޮތުގައި ސްކޫކްގެ ފައިދާގެ ގޮތުގައި އޭގެ 65 އިންސައްތަ ގަންނަ ފަރާތަށް ލިބޭނެއެވެ. ބާކީ 35 އިންސައްތަ އެއީ ކުންފުންޏަށް ލިބޭ ވަރެވެ.

މިއަހަރު 200،000 ސްކޫކް ވިއްކަން އެކުންފުނިން ނިންމާފައިވާއިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެކުންފުނިން ޞުކޫކް ވިއްކާފައިވެއެވެ. އެގޮތުން 2013 ވަނަ އަހަރު 45،1230 ޞުކޫކް ވިއްކި އިރު 2017 ވަނަ އަހަރު 89،036 ޞުކޫކް ވިއްކާފައިވެއެވެ.

އެޗްޑީއެފްސީގައި ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓް އޮވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހާސަރު

    އިސްލާމިކް ބޮންޑޭ ކިޔާ ސުކޫކު ވިއްކައިގެން ތަމެން އޭގެ 65 އިންސައްތަ ފައިދާ ބަހާނަމޭ ބުނާއިރު އާއްމު ރައްޔިތު މީހާއަށް އޮޅުން ނާރާނެހެން ތިކަން ކުރަންޖެހޭ. 1000 ގެ ސުކޫކު ވިއްކީމާ އެ 1000 އިންވެސްޓްކޮށް އެއިން ލިބޭ ނަފާގެ 65 އިންސައްތައޭ ބުނަނީ ތަމެންގެ ވެބްސައިޓްގަ އެކަނި. ޚަބަރު ފަތުރާ ވަސީލަތްތަކަށް ދޭ މައޫލޫމާތުން ދޭހަވަނީ 1000 ރުފިޔާގެ 65 އިންސައްތަ (650) ރުފިޔާ ދެފަހަރެއްގެ މަތިން ބަހާނެކަމަށް.. 1000 ރުފިޔާ އިންވެސްޓްކޮށް 6 މަސްދުވަހުގެތެރޭ ފައިދާގެ ގޮތުގައި 100 ރުފިޔާ ކުންފުންޏަށް ލިބިއްޖެނަމަ އެއިގެ ފައިދާގެ ގޮތުގައި 65 ރުފިޔާ ބަހާ ވާހަކަ ރީތިކޮށް ބުނެވެން ޖެހޭ...