ވެލާނާ އިންޓަނޭޝަަލް އެއާޕޯޓް (ވީއައޭ) ގައި އަލަށް އިމާރާތް ކުރާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވިގޮތުގައި، މިހާރު ކުރިއަށް ދަނީ މޮބިލައިޒޭޝަންގެ މަސައްކަތެވެ.

ހަސަން ވިދާޅުވީ، މާގިނަ ދުވަސްތަކެއް ނުވަނީސް ޓާމިނަލްގެ މަސައްކަތް ފެށިގެން ދާނެއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އާދިލް މޫސާ މީގެ ކުރިން ނޫސްވެރިންނާއި ބައްދަކޮށް ވާހަކަދައްކަވަމުން ވިދާޅުވީ، އާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ހުރިހާ ފައިސާއެއް ހަމަޖެހިފައިވާކަމަށެވެ.

އާ ޓާމިނަލްގެ މަސައްކަތް ސައުދީގެ ބިންލާދީ ގްރޫޕާ ހަވާލުކޮށްފައި ވަނީ 300 މިލިއަން ޑޮލަރަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް އަޅާނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ދެކުނަށްވާ ސަރަހައްދަށެވެ. އާ ޓާމިނަލް އެޅުމާއެކު، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތައް އޮޕަރޭޓު ކުރާ ޑޮމެސްޓިކް ޓާމިނަލްގެ ގޮތުގައެވެ.