ބަނގުރޫޓުވެފައިވާ އިނގިރޭސި ވިލާތުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެއައިސް ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީތެރިވަމުންދާ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސް ތިބި ފަތުރުވެރިން އެނބުރި ގައުމަށް ދިއުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީގެ ހެލްޕް ޑެސްކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައިވާނެ ކަމަށެވެ.

ތޯމަސްކުކް ބަނގުރޫޓުވުމާ ގުޅިގެން އެކުންފުނީގެ ހުރިހާ ޚިދުމަތްތަކެއް ވަނީ ހުއްޓާލާފައެވެ. އެއާއެކު އެ ޓުއަރ އޮޕަރޭޓަރު މެދުވެރިކޮށް ދުނިޔޭގެ އެކި ގައުމުތަކަށް ގޮސް ތިބި ފަތުރުވެރިން ވަނީ އެގައުމުތަކުގައި ތާށިވެފައެވެ. އެކި ގައުމުތަކުން އެގައުމެއްގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ޓުއަރ އޮޕަރޭޓަރު މެދުވެރިކޮށް ރާއްޖެ އައިސް ތިބި ފަތުރުވެރިންގެ އަދަދު އަދި ސާފެއް ނުވެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ގެންނަ ތޯމަސް ކޫކް އަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ކުންފުންޏެކެވެ. އެކުންފުނި ބަނގުރޫޓުވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔެ އެކި ގައުމުތަކުގައި ދެމުންދާ ނިރުބަވެރި ހަމަލާތަކާއި މިދިޔަ އަހަރު ޔޫރަޕަށް އާދަޔާ ހިލާފު ހޫނުވުމާއި، އިނގިރޭސިވިލާތް އީޔޫ އިން ވަކި ވުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ފަތުރުވެރިން ދަތުރުތައް ލަސް ކުރުން ހިމެނެއެވެ. އަދު ތެލުގެ އަގުބޮޑުވުންވެސް އެއީ ދިމާވި މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމާން

    ކަލޯގަޔާ ރާއްޖޭގެ ޓޫރިޒަމްގެ ދުވަސް ތިޔަ ދިޔައީ..

    4
    2
  2. ކާފަބޭ2019

    ދުނިޔޭގަލެއްވިހާ ނިރުބަވެރިން މިރާއްޖޭގައުޅޭކަމަށް ދޭހަވާގޮތަށްސަރުކާރުންވާހަކަދައްކާނަމަ ފަތުރުވެރިކަމުގެދާއިރާ ކުރިއަރާނީކިހިނެއްތޯ؟ އެއްކޮޅުންފަތުރުވެރިކަމަށް މިލިޔަނުންޚަރަދުކުރާއިރު ނިރުބަވެރިހާއްޔަކަށް އިންވެސްޓުކޮށްމިތަނަށް އަންނާނީކިހިނެއްތޯ؟