ރާއްޖެ އާއި ބަހްރެއިނާ ދެމެދު ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ކެނެޑާގެ މޮންޓްރިއޯލްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ)ގެ 40 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އެވެ. ބަހްރެއިންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އޮފް ޓްރާންސްޕޯޓޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން ކަމާލް ބިން އަހުމަދު މުހައްމަދެވެ.

މި އެއްބަސްވުމަކީ ރާއްޖެއާއި ބަހްރެއިންއާ ދެމެދު ދަތުރުފަތުރު ފެށުމަށް މަގުފަހިކުރުމަށް 1995 ގައި ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ސޮއިކުރި އެއްބަސްވުމެކެވެ.

ބަހްރެއިންއާއި ރާއްޖެއާއ ދެމެދު މި އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔަ އިރު ބަހްރެއިންގެ ގައުމީ އެއާލައިންސް ގަލްފް އެއާ އިން ވަނީ ބަހްރެއިނާއި ރާއްޖެ އާ ދެމެދު ދަތުރުފަތުރުތައް ފެށުމުގެ ހުއްދައަށް އެދިފައެވެ.

ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފް އެއާގެ ދަތުރުތައް އަންނަ މަހުގެ 28 ގައި ފަށާއިރު ބަހްރެއިން-މާލެ-ކޮލަމްބޯ-މާލެ-ބަހްރެއިން ރޫޓުން ހަފްތާއަކު ހަ ފްލައިޓު ބާއްވާނެއެވެ.

މި ސޮއި ކުރެއްވުމާއެކު ރާއްޖެއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދު 47 އަށް އެރީއެވެ. އެ އެއްބަސްވުންތަކުގެ ދަށުން 21 ގައުމެއްގެ 29 އެއާލައިނެއް އަންނަނީ ރާއްޖެއަށް އޮޕަރޭޓް ކުރަމުންނެވެ.