އޯރކާ މީޑިއާ ގްރޫޕުގެ ފަރާތުން ކުރިއަށް ގެންދާ ކޯޕަރޭޓް މޯލްޑިވްސް "ބިޒްނަސް އެކްސްޕޯ 2019" ދަރުބާރުގޭގައި މިއަދު ފަށައިފިއެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ މި އެކްސްޕޯ ފައްޓަވާދެއްވާފައި ވަނީ މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ.

މި އެކްސްޕޯ 80 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

ހަފްލާ ޝަރަފުވެރިކޮށް ދެއްވަމުން މަލީހު ވަނީ މި އެކްސްޕޯގައިި ބައިވެރިވި ހުރިހާ ކުންފުނިތަކުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާފައެވެ. ކޮންމެ ސްޓޯލްއަކަށް ވަޑައިގެން މަނިކުފާނު ވަނީ މައުލޫމާތު ސާފުކުރައްވާފައެވެ.

މޯލްޑިވްސް ބިޒްނަސް އެކްސްޕޯ - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

މި އެކްސްޕޯ މިއަދު 8 ގަޑިރިއަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިވެއެވެ. އެއީ މެންދުރުފަހު އެކަކުން ފެށިގެން ރޭގަނޑު 10 ޖެހުމާއި ހަމައަށެވެ. އަދި މާދަމާެވެސް މި އެކްސްޕޯ ކުރިއަށް ދާނެއެވެ.

މޯލްޑިވްސް ބިޒްނަސް އެކްސްޕޯ - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

މި އެކްސްޕޯގައި ގިނަ ކުންފުނިތަކެއް ބައިވެރިވެފައި ވާއިރު ފާހަގަ ކޮށްލެވޭ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ، އެމްޓީސީސީ އުރީދޫއާއި މީޑިޔާ ނެޓާއި، ދަމަސްއާއި، އަލް ޝާލި މަރިންގެ އިތުރުން އެލައިޑް އިންސުރެންސް އަދި ލައިފް ސަޕޯޓް ކުންފުނި ހިމެނެއެވެ އަދި މީގެއިތުރުންވެސް ގިނަ ކުންފުނިތަކެއް މި އެކްސްްޕޯގައި ބައިވެފައި ވެއެވެ.

މި އެކްސްޕޯގެ ތެރެއިން ސަމިޓްތަކެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން މިއަދު މޯލްޑިވްސް ޔަންގް އޮންޓަޕްރެނުއާސް ސަމިޓް އާއި މޯލްޑިވްސް ޓެކް ސަމިޓް ކުރިއަށްގެންގޮސްފައި ވެއެވެ.

މޯލްޑިވްސް ބިޒްނަސް އެކްސްޕޯ - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

މާދަމާ ކުރިއަށްދާނީ މޯލްޑިވްސް ފައިނޭންސް ޕްރޮފެޝަނަލްސް ސަމިޓާއި މޯލްޑިވްސް ވިމެން އޮންޓަޕްރެނުއާސް ސަމިޓެވެ.

އަދި މިރޭގެ 8 ޖަހާއިރުގައި ދަރުބާރު ގޭގައި ކުރިޔަށް މިދާ އެކްސްޕޯގައި ރާއްޖޭގެ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ކުންފުނި ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރައިޓްސް ޕޮރޮފެޝެނަލްސްގެ ރައީސް އަލްފާޟިލް ހުސައިން އަފީފު ވަނީ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައެވެ.

އާންމުންނަށް ހުޅުވާލެވިގެން މި ބާއްވާ އެކްސްޕޯއަށް ކޮންމެ މީހަކަށް ވެސް ވަނީ ޒިޔާރަތްކޮށް ކުންފުނިތަކާއި ބައްދަލުކުރުއްވާ ވާހަކަ ދައްކާލުމުގެ ފުރުސަތު ހުޅުވާލާފައެވެ.