2018 ވަނަ އަހަރުގެ ޖެނުއަރީ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ބަލައިގެންފިއެވެ.

ފާއިތުވެދިޔަ ޖެނުއަރީ މަހު 2.2 ބިލިއަން ރުފިޔާ މީރާ އިން ބަލައިގެންފައި ވާއިރު، 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގައިވެސް އެ އޮތޯރިޓީ އަށް ހަމަ މި އަދަދަށް ފައިސާ ބަލައިގެންފައި ވެއެވެ.

މީރާ އިން ހާމަ ކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 2.2 ރުފިޔާ ލިބުނު އިރު އެއީ ލިބޭނޭ ކަމަށް އަންދާޒާ ކޮށްފައިވާ ވަރަށް ވުރެން 10.7 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ މަހު އެ އޮތޯރިޓީ އިން ބަލައިގަތް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ޙިއްސާ ކުރަނީ ބީޕީޓީއެވެ. އެއީ 39.9 އިންސައްތައެވެ. 37.9 އިންސައްތަ އާއި އެކު ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އިންނެވެ. ގްރީން ޓެކްސްގެ ގޮތުގައި 4.7 އިންސައްތަ، ލިބިފައި ވާއިރު، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 3.6 އިންސައްތަ ވަނީ ލިބިފައެވެ. މީގެ އިތުރުން، ލޭންޑް އެންޑް އެޑިއުކޭޝަން ކޮންވާޝަން ފީގެ ގޮތުގައި 3.2 އިންސައްތަ ލިބިފައި ވާއިރު، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 11.1 އިންސައްތަ ވަނީ ލިބިފައިވާ ކަމަށް އެ އޮތޯރިޓީ އިން މައުލޫމާތު ދެއެވެ.