ކްރޮސްރޯޑްސްގެ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް"އަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި، އަގުތައް އިއުލާނުކޮށްފިއެވެ.

އެ ތަނަކީ ކްރޮސް ރޯޑުގައި އާންމުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ގިނަ ތަންތަން ހަދާފައިވާ ތަނެކެވެ. އެގޮތުން މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުން ދިވެހިންގެ ސަގާފަތާއި ތަރިކަ އާއި އާދަކާދަތައް ކިޔައިދެ އެވެ.

އެ ކުންފުނީގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ދަ މެރީނާ އެޓް ކްރޮސް ރޯޑްސް އަށް ދާން ބޭނުންވާ ފަރާތްތަކަށް މާލޭ އެމްޓީސީސީ ފެރީ ޓާމިނަލުން ޓިކެޓް ގަނެވޭނެ ކަމަށެވެ.

އެތަނަށް ދިއުމަށް ދިވެހިންނާއި ބޭރު މީހުންނަށް ނަގާ އަގަކީ 160 ރުފިޔާއެވެ. ފަތުރުވެރިންނަށް ނަގަނީ 660 ރުފިޔާއެވެ. މީގެ ތެރެއިން އުމުރުން ހަތަރު އަހަރާއި 12 އަހަރުގެ ކުދިންނަށް ދެކޮޅަށް 80 ރުފިޔާއަށް ދަތުރު ކުރެވޭނެއެވެ. ހަތަރު އަހަރުން ދަށުގެ ކުއްޖެއް ނަމަ ހިލޭ ދަތުރު ކުރެވޭނެއެވެ.

ކްރޮސްރޯޑްއަށް ދާ ފެރީ ޓިކެޓަށް ދިވެހި ރުފިޔާއިން އަދި ޑޮލަރުން ފައިސާ ދެއްކޭނެއެވެ.

ކްރޮސްރޯޑްސް އަށް ދާ ފެރީގެ ދަތުރުތައް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އޮންނާނެއެވެ.

މާލެއިން ފުރައިގެން ލޯންޗެއްގައި 15 ވަރަކަށް މިނެޓް ތެރޭ ދެވޭ ކްރޮސްރޯޑްސްގައި އެއް ފަހަރާ 30 ޔޮޓް ބަނދަރުކުރެވޭ ޔޮޓް މެރީނާއެއް ހިމެނެ އެވެ. އެތަނުގެ ވަށައިގެން ފިހާރަތަކަށް ހާއްސަ އިމާރާތްތަކެއް ވެއެވެ.

ޖުމްލަ 9 ރަށެއް ހިމެނޭގޮތަށް ފަރުމާކޮށް، ތަރައްގީ ކުރަމުންދާ މި މަޝްރޫއުގައި ހުޅުވާފައިވަނީ ދެ ރިސޯޓެވެ. އެއީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށް ވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ތައިލެންޑުގެ ސިން އެސޭޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ތިކަހަލަ ފަޅުފަޅު މިރާޖޭގައެބަހުރި ކްރޮސްރޯޑަ ހަދަން ވީނޫން ލަަަޢްގާޙުރަޔަޢް ލަޢްގަނީ