ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް އެސްޓީއޯއިން އެހީތެރިވުމަށް ނިންމާފިއެވެ.

ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނު އެސްޓީއޯ އިން ރިސޯޓުތަކަށް ވިއްކައިދޭން ނިންމާފައި ވާއިރު މިއީ، ދަނޑުވެރިކަން ކުރިއަރުއްވުމަށްޓަކައި ފަށާ ވަރަށް ހާއްސަ މަސައްކަތްތެކެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރިއަށް ގެންދާ "މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސު" ގައި އެސްޓީއޯ އިން ވަނީ އެ ކުންފުނިން ދިވެހި ދަނޑުވެރިކަަން ކުރިއެރުއްވުމަށްޓަކައި ރާވާފައިވާ މަޝްރޫއުތައް ހިއްސާކޮށްފައެވެ. އަދި މި މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އެހީ ވާނީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ އއ. ތޮއްޑޫގައި އުފެއްދާ ބާވަތްތަކަށް ކަމުގައިވެސް މައުލޫމާތު ދީފައިވެއެވެ.

މި ކޮންފަރެންސްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ، އެ ކުންފުނިން އަލަށް ފަށަން ތައްޔާރުވާ މަސައްކަތްތަކީ ދަނޑުވެރިކަމަށް އެހީތެރިވެ ދިނުމުގެ މަސައްކަތެއް ކަމަށެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަމުގެ ސާމާނު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާ ތަންތަނަށް ގެނެސް ދިނުމުން ރިސޯޓުތަކަށް މާކެޓުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

"އެސްޓީއޯއާ ހަމަ އަށް ގެނެސް ދިނުމުން އުފެއްދުންތައް ޕެކްކޮށް ރިސޯޓުތަކާ ހަމައަށް ގެނެސްދޭނެ. މީގައި އެސްޓީއޯ އިން ޔަގީންކަން ދޭނަން އޭގެ ކޮލިޓީ އަށް،" އަމްރު ވިދާޅުވި އެވެ.

ރާއްޖޭގައި ދަނޑުވެރިންގެ މިންނަތް ބުރަ މަސައްކަތުން ދެކޮޅު ނުޖެހޭ ވާހަކައަކީ ގިނަ ދަނޑުވެރިންގެ ޝަކުވާއެކެވެ. ދަނޑުވެރިން ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ނުވިކެ ފާވެގެން އުކާލުމަކީވެސް މިހާރު އާންމުކަމެއް ކަމަށް ދަނޑުވެރިން އަންނަނީ ބުނަމުންނެެވެ.

މިގޮތުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ތޮއްޑޫއިންވެސް އިވެމުން އަންނަނީ މިފަަދަ ވާހަކަތަކެވެ. ދަނޑުވެރިކަމުން ލިބޭ މަންފާ ކުޑަކަމުގެ ޝަކުވާ އެވެ. އަގުތައް ދަށްވަމުން އަންނަ ވާހަކައެވެ.

އެހެން ނަމަވެސް އެސްޓީއޯއިން ފަށަން މިއުޅޭ މަޝްރޫއިން ދަނޑުވެރިންނަށް ފައިދާ ލިބެން ފަށާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ކްރޮސްރޯޑުގައި މިހާރު ކުރިއަށް ގެންދާ ޓޫރިޒަމް ކޮންފަރެންސުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކެއް ބައިވެރިވެރި ވެފައި ވާއިރު އެސްޓީއޯއިން ފައްޓަން މިއުޅޭ މަޝްރޫއުއަށް އެބޭފުޅުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިިބިގެން ދިޔައެވެ.

އަދި ހަމަ މި ރަސްމިއްޔާތުގައި އެކި ރިސޯޓްތަކުގެ އިސްވެރިން ވަނީ އެސްޓީއޯގެ މި މަސައްކަތަށް މަރުހަބާ ކިޔައި އެކަން ކޮށްދިނުމުގައި އެހީތެރިވެދޭނެ ކަމަށްވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިބޮޑުވަގެއް

    އަނެއްކާ ކާކަށް.ލާރިގަނޑެއް ދޭން ވަގު ތެޅިއަރުވަނީ!