އައްޑޫ ސިޓީގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން ގެސްޓްހައުސް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުމަށް ބިންތައް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓި ކައުންސިލުން ކުރިން ބުނެފައިވާގޮތުގައި، ގެސްޓްހައުސްތަކަށް އައްޑޫން ދޫކުރާނީ 5،000 އަކަފޫގެ ބިމެވެ. އަދި ހޮޓާ ތަރައްގީކުރަން ދޫކުރާނީ 10،000 އަކަފޫޓްގެ ބިމެވެ. އަދި އައްޑޫ ސިޓީގައި ރިސޯޓު ތަރައްގީ ކުރުމަށްޓަކައި އެ ސިޓީ އިން 25 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، މި ބިންތަކުގައި ގެސްޓުހައުސް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ވިއްކާނީ 20 އޮކްޓޯބަރު 2019 އިން ފެށިގެން 13 ނޮވެންބަރު 2019 ވަނަ ދުވަހާ ހަމަޔަށް އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކަމަށެވެ.

މިކަމަށް އެދި ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ.

އެ އިއުލާނުގައި ބުނެފައިވާގޮތުން، ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެހިރާއްޖޭގެ ފަރާތެއްނަމަ 2,000.00ރ (ދެހާސް ރުފިޔާ) އަދި ބޭރުގެ ފަރާތެއްނަމަ 300.00$ (ތިންސަތޭކަ ޔޫއެސް ޑޮލަރު) އަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ. އަދި ބިޑް ބަލައިގަތުން އޮންނާނީ 11 ޑިސެންބަރު ވާ ބުދަ ދުވަހުގެ 11:00 ގައި އައްޑޫ ގަމުގެ އީކުއޭޓަރ ވިލެޖްގައެވެ.