މަޝްހޫރު ދެ މާސްޓާ ޝެފުންނާއެކު ރާއްޖޭގައި މަސައްކަތް ކުރާ ކައްކާއިންނަށް "މާސްޓަ ކްލާސް" ތަކެއް ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން ބުނެފިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ކައްކާއިންނަށް އެންމެ ގިނަ ފުރުސަތުތައް ހުޅުވާލައިދެނީ ބީބީއެމް އިންނެވެ. ބީބީއެމް އިން މި ފަހަރުގެ މާސްޓަ ކްލާސް ވެސް ބާއްވަނީ މި މަހުގެ ބާއްވާ، ހޮޓެލް އޭޝިޔާއާ ދިމާކޮށެވެ.

ހޮޓެލް އޭޝިޔާ ބާއްވާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އާ ގުޅިގެން މާސްޓަ ކްލާސްތައް އޮންނާނީ މިމަހުގެ 19 ވަނަ ދުވަހާއި އެ ދުވަހުގެ ރޭގަނޑު އެވެ.

މިގޮތުން މި ކްލާސްތަކުގައި ކިޔަވައިދޭނީ ކެއްކުމުގެ ދާއިރާ އިން ދުނިޔޭގައި މަޝްހޫރު ދެ މާހިރުން ކަމަށްވާ ސަން އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޝެފް ގެތް ޝެއިނާ އާއި އެރެކް އެންޑް ސްޕައިސްގެ އެގްޒެކެޓިވް ޝެފް ރޮނާލް ޕެރެސެންޓޯ އެވެ. މީގެ އިތުރުން ބަރިސްތާ ވޯކްޝޮޕެއް ވެސް ބާއްވާނެ އެވެ.

ބީބީއެމް އިން ބުނީ މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ދިވެހި ކައްކާއިންނަށް ގިނަ ފުރުސަތު ތަކެއް ދޭ ބީބީއެމްއިން ދަނީ ބޭރަށް ފޮނުވައިގެންވެސް ދިވެހި ޝެފުންނަށް ތަމްރީންވާން ފުރުސަތު ދެމުންނެވެ.

މިއީ ބީބީއެމް އިން މިގޮތަށް ބާއްވާ ހަވަނަ މާސްޓަ ކްލާހެވެ.