މިމަހުގެ 7 ކުން 11 އަށް ފާހަގަކުރާ ދުނިޔޭގެ ކަސްޓަމަރ ސަރވިސް ފާހަގަކުރާ ހަފްތާއާއި ގުޅުވައިގެން އެމްޓީސީސީން "ހިނިތުންވުމާއެކު" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، މި ކެމްޕެއިންގެ އެންމެ ބޮޑު އެއް މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމަރ ސާވިސްގެ މުހިއްމުކަމާ މެދު ހޭލުންތެރިކޮށް އެމްޓީސީސީގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ކަސްޓަމަ އެކްސްޕީރިއަންސް މިހާރަށްވުރެ ރަނގަޅުކުރުން ކަމަށެވެ. އަދި މި ކެމްޕެއިންގެ ސަބަބުން އެފަރާތާއި ކަސްޓަމަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކުންފުންޏަށް ކުރާ އިތުބާރު އިތުރުވެގެން ދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީއަކީ ގިނަ ސިނާއަތްތަކެއްގައި ރައްޔިތުންނާއެކު ސީދާ ގޮތުން ހިދުމަތްދެމުންދާ ކުންފުންޏެއްކަމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.

އެމްޓިސީސީއަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތްދިނުމަށް ވަރަށް މުހިންމު ކަމެއް ދޭ ކުންފުންޏެއްކަން ފާހަގަކުރަމުން ޝާހު ވިދާޅުވީ، މި ކެންޕެއިންގެ ސަބަބުން މިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މި ކެމްޕެއިން ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި، ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ޝާހުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިން ކުރިއަށް ގެންދާނީ މިމަހުގެ 5 އަންނަ މަހުގެ 12ގެ ނިޔަލަށެވެ. މި މުއްދަތުގައި އެމްޓީސީސީގެ ކަސްޓަމަރުންނަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު