މިދިޔަ ސެޕްޓެމްބަރު މަހު އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓް ކުރި މުދާ ވެސް އިތުރުވެ އާމްދަނީ އިތުރުވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

މިއަދު ކަސްޓަމްސް އިން އާންމުކޮށްފައިވާ ސެޕްޓެމްބަރ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 4 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖެއަށް 3.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރު ސެޕްޓެމްބަރ މަހު މި އަދަދުވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އަދި ފާއިތުވި ސެޕްޓެމްބަރ މަހު ދައުލަތަށް ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާ ބަލާއިރު 9 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ވަނީ 262 މިލިއަން ރުފިޔާ ދައުލަތައް ލިބިފައިވާ އިރު މިދިޔަ މަހު ލިބިފައިވަނީ 286 މިލިއަން ރުފިޔާއެވެ.

އެކްސްޕޯޓް ކުރެވުނު މުދާ ނުވަތަ އެފް.އޯ.ބީ އަށް ބަލާއިރު މި އަހަރުގެ ސެޕްޓެމްބަރުގައި 166 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރާއި ބަލާއިރު 22 އިންސައްތަ އިތުރުވުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 136 މިލިއަން ރުފިޔާގެ މުދަލެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަށް ބަލާއިރު ހިމެނެނީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާއެވެ. ޔޫ.އޭ.އީން 720 މިލިއަން ރުފިޔާގެ މުދާއެތެރެކޮށްފައިވާއިރު ޗައިނާއިން ވަނީ 703 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި އިންޑިއާއިން އެތެރެކޮށްފައިވަނީ 370 މިލިއަން ރުފިޔާގެ މުދަލެވެ.