ރާއްޖޭގެ ބާޒާރުގައި މިއަދު ފިޔާ ބަސްތާއެއްގެ އަގު 1000 ރުފިޔާއަށް އުފުލިއްޖެއެވެ.

މިހަފްތާ ފެށުނުއިރު 200 ރުފިޔާ އަށް ލިބެން ހުރި ފިޔާ ބަސްތާއެއްގެ އަގު މިހާރު 1000 ރުފިޔާ އަށް އަރާފައި ވާއިރު މިހާރު ފިޔާ ކިލޯއެއް ލިބެނީ 45 ރުފިޔާ އަށްވުރެ ބޮޑު އަގެއްގައެވެ. މީގެ ކުރިން އާއްމު ގޮތެއްގައި 25 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެއެވެ.

އިންޑިއާގައި ފިޔާ އުފައްދާ މިންވަރު މަދުވުމާއި ގުޅިގެން އެގައުމުން ވަނީ ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވެސް ހުއްޓާލާފައެވެ. ނަމަވެސް ރާއްޖެ އަށް ފިޔާ އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލާފައެއް ނުވެއެވެ.

ރާއްޖޭގެ ވިޔަފާރިވެރިން ބުނާ ގޮތުގައި ފިޔާގެ އަގު އުފުލިފައި ވަނީ އިންޑިއާ އިން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނާތީއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފިޔާ ހެއްދޭ މިންވަރު އިންޑިއާގައި ވަރަށް ބޮޑަށް މަދުވެފައި ވާތީ ކުރިއާއި އެއްގޮތައް ފިޔާ ލިބެން ފަށާނީ ބެލެވޭ ގޮތުގައި އަންނަ ޑިސެމްބަރ މަހުގެ ފަހުންނެވެ. އެހެންކަމުން ފިޔާގެ އަގު އަދިވެސް އިތުރަށް އުފުލިގެން ހިނގައިދާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ ބާޒާރުގައި ވެސް ފިޔާގެ އަގު އުފުލެމުން ދާތީ މިހާރު ސަރަހައްދީ ސަރުކާރުތަކުން ގެންދަނީ ފިޔާގެ އަގު ކޮންޓްރޯލް ކުރަން މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމުން މެލޭޝިއާ، ބަންގްލަދޭޝް އަދި ސްރީލަންކާގައި ވެސް ވަނީ ފިޔާގެ އަގު އުފުލިފައެވެ. އެގައުމުތަކަކީ ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ފިޔާ އިންޑިއާ އިން އެތެރެކުރާ ގައުމުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނަމެއް

  ހެއު ވެރިކަމެއްގައި މިއަގް ވަރަށްގަދަ މިގޮތުގައި ކުރިޔަށް ދިއުމުން ގަދަވާނެ މިސަރުކާރަށް މަރްހަބާ

  16
  1
 2. ޒާ

  މީ އިންޑިއާގެ އަވަށެއްމިހާރު. އިންޑިއާއަށް ވާ ކޮންމެ ގޮތެއްގެ އަސަރު ރާއްޖެއަށް ކުރާނެ. އެކަމަކު މަހީކުރީ ގެރިމޯދީ ވަރަށް ހެޔޮވާނެކަމަށް އޭނާގެ ދަރިންނަށް.

  7
  2
 3. އަހްމަދު

  މީގެ ކުރިން ޔާމީނުސަރުކާރުއޮތް އިރު ފިޔާކިލޯއެއްގެ އަގުހުރީ 8ރުފިޔާ، 10ރުފިޔާ، 12ރުފިޔާގައި . މިަސރުކާރު އައި އިރުވެސް ފިޔާ ކިލޯއެއް10ރުފިޔާ އަށްލިބުނު . މިސަރުކާރު އައިފަހުން ހުރިހާ ތަކެތި މިދަނީ އަދި ބޮޑުވަމުން.

  4
  1
 4. އަހްމަދު

  ފިޔާގެ ހަމައަގު ލިބެންފެށީ.

  2
  1
 5. ޖަޒީރާ ރާއްޖެ

  ފިޔާތައް ފީވެގެން ހަލާކުވާއިރުވެސް އަގު ހުންނާނީ -/1000 ގަ. ތަންފުކެއް ބޮޑުވަރު. އަގުމަތިނުކޮށް ލިމިޓެޑްކޮށް ވިއްކިއަސް މާ ފައިދާވާނެ ކަންނޭނގެ. ދިވެހި ވިޔަފާރިވެރިން އެހާ ބޯހަރުވާނެ ސަހާދޭއް މިބުނީ