ދިވެހިރާއްޖޭގައި ރައްޔިތުންނަށް މުވާސަލާތީ ޙިދުމަތްދޭ އެންމެ ބޮޑު ކުންފުނިކަމަށްވާ ދިރާގު އިން ކަސްޓަމަރުންނަށް މިދިޔަ ހުކުރު ދުވަހު އެޕަލްގެ އެންމެ ފަހުގެ އައިޕޯނު 11 ގެ މޮޑެލްތައް ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޫކުރަން ހަމަޖެއްސި ސްޓޮކް އެއްކޮށް ހުސްވެއްޖެއެވެ.

ދިރާގުން އެންމެ ފަހުގެ ފޯނުގެ 3 މޮޑެލް ކަމަށްވާ، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް މޮޑެލް ޕްރީ އޯޑަރަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހުގައެވެ.

ދިރާގުގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އައިފޯން 11 އަށް ޕްރިއޯޑަރު ކުރިތާ 24 ގަޑިއިރު ނުވަނީސް ސްޓޮކް ހުސްވެއްޖެ ކަމަށެވެ. އަދި ވަރަށް އަވަހަށް އާ ސްޓޮކެއް ގެނެސް އަނެއްކާވެސް ޕްރިއޯޑަރު އަށް ހުޅުވާލާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތެއްގައި މަޝްހޫރު ބްރޭންޑުތަކުގެ ފޯނުތައް ހޯދައިދިނުމަށް ޕްރީ އޯޑަރަށް ފޯނު ދޫކުރާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އެ ފޯނުތައް ކަސްޓަމަރުންނަށް ދޫކުރަނީ އެޑުވާންސްގެ ގޮތުގައި ވަކި ވަރަކަށް ފައިސާ ނަގާފަ، އެއް އަހަރު ތެރޭގައި ކޮންމެ މަހަކު ވަކި ވަރަކަށް ފައިސާ ދައްކާ، ފޯނުގެ އަގު ހަމަކުރާ ގޮތަށެވެ. އަދި މިގޮތަށް ފޯނު ނަގާ ފަރާތްތަކަށް ފަސް ޖީބީގެ ޑާޓާ ހަ މަސް ދުވަސް ވަންދެން އެ ކުންފުނިން ދެއެވެ.

ކޮންމެ އަހަރަކުވެސް އެޕަލް އިން ނެރޭ އައިފޯނުގެ އެންމެ ފަހުގެ ބްރޭންޑުގެ ފޯން ދިވެހިން ބޭނުންވެއެވެ. އެޕަލް އައިފޯނަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުންވާ އެއް ފޯނެވެ. ހަމައެހެންމެ، ސެމްސަންގް ކުންފުނިން ނެރޭ ފަހުގެ ސީރީޒް ތަކުގެ ފޯނަށްވެސް ދިވެހިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮވެއެވެ. އެޕަލް އައިފޯން 11 ގެ ކެމެރާ އަކީ މި ފޯނުތަކުގެ އެންމެ ތަފާތު މޮޅު އެއް ފީޗާއެވެ. އެގޮތުން ފަނޑު އަލި ހުންނަ ހިސާބުތަކުގައި ނަގާ ފޮޓޯ ތަކާއި، އަދި ދުރުގައި ހުންނަ މަންޒަރެއް ފޮޓޯ ނަގަންވެސް މި ފޯނު ވަރަށް ތަފާތުވާނެ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ.