މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރުމަށްޓަކައި ރާއިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ ނަންތައް ދިރާސާކޮށް ދެ ބޭފުޅެއްގެ ނަން ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.

މީރާގެ މި ދެ މަގާމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ނަންތައް މިއަދު މަޖިލީހުގައި ވަނީ އިއްވަވާފައެވެ.

ކޮމިޝަނާ ޖެނެރަލްގެ މަގާމަށް 2 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން އަށް ކުރިމަތިލައްވާފައި ތިއްބެވީ 6 ބޭފުޅުންނެވެ. އޭގެ ތެރެއިން މިއަދު އިގްތިސާދީ ކޮމިޓީއަށް ފޮނުވާފަައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އަދި ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަޝިދެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ނަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެއީ:

  1. ދަނޑިމަގު، ނިއުލައިޓް، ޏ ފުވައްމުލައް، މުހައްމަދު ސިރާޖު މުނީރު
  2. ހއ އިހަވަންދޫ ވައިޖެހޭގެ، އަސްމާ ޝަފީއު
  3. މއ ވިލާރޮދި، އިސްމާއިލް ސާޖިދު
  4. ނ މަނަދޫ އަނބުގަސްދޮށުގެ، އަހްމަދް ޝަރީފް
  5. ވ އެލަމް އަހްމަދު ވާފިރު
  6. ހ ރަންގިލި، ހަމްދީ އަގީލް

މީރާގެ އިސް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފައި މިވަނީ މީރާގެ ގާނޫނަށް ގެނައި އިސްލާހަކުން ކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލުމުންނެވެ. ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.