ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ ކިލޯއެއް 30 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ބާޒާާރުން ފިޔާ ހުސްވެ ނުވަތަ އަގު އަތްނުފޯރާ ފަށަށް އަރާފައިވާތީ އެކަމަށް ހައްލެއް ލިބެންދެން ވަކި ލިމިޓެއްގައި 30 ރުފިޔާއަށް ކިލޯއެއް މަގުން ފިޔާ ވިއްކާނެ ކަމަށެވެ. އަދި ފިޔާގެ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

މިހަފްތާގެ ތެރޭގައި ފިޔާގެ އަގު އިންތިހާއަށް އަރައިގެންގޮސް ބައެއް ތަންތަނުން ފިޔާ ކިލޯ ވިއްކަމުން އައީ 35 ރުފިޔާ އާއި 60 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި ފިޔާ ބަސްތާއެއް ވިއްކަމުން ވަނީ 1000 ރުފިޔާއަށެވެ.

އެސްޓީއޯގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ރާއްޖޭގެ ބާޒާރުން ފިޔާ ހުސްވުމުން އެ ކުންފުނިން ވަނީ މިދިޔަ ހަފްތާގައި އެއާ ފްރައިޓްކޮށް ފިޔާގެ ސްޓޮކެއް މާލެ ގެނެސް ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ބާޒަރަކަށް ފިޔާ ލިބެން ފެށުމުން ފިޔާގެ ދަތިކަމަށް ހައްލެއް ލިބި ލިމިޓް ކުރުމެއް ނެތި ފިޔާ ވިއްކަން ފަށާނެ ކަމަށެވެ.

އޭޝިއާގެ ގައުމުތަކަށް އިންޑިއާއިން ފިޔާ ވިއްކުން ހުއްޓާލާފައިވި ނަމަވެސް އިންޑިއާ އެމްބަސީ އިން ވަނީ ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިތަކެއް ނެތް ކަމަށް ބުނެފައެވެ.

ފިޔާގެ އަގު އެހާ މައްޗަށް ގޮސްފައިވަނީ އިންޑިއާގައި އެންމެ ގިނައިން ފިޔާ ހައްދާ ދަނޑުތައް ވާރޭ ވެހުމުގެ ސަބަބުން އެއްކޮށް ހަލާކުވުމުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު