ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް މާސްޓާކާޑުު ތަޢާރަފުކޮށްފިއެވެ.

ބީއެމްއެލް މާސްޓާކާޑް ތަޢާރަފު ކޮށްދެއްވީ އެމްއެމްއޭ ގެ ގަވަރުނަރު ޢަލީ ހާޝިމެވެ. އެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ކްރޮސް ރޯޑްސްގައެވެ. މި ރަސްމިއްޔާތުގައި މާސްޓާކާޑުގެ ހުރިހާ ޕްރޮޑަކްޓްތަކެއް ތައާރަފު ކުރިއެވެ. އޭގެ ތެރޭގައި، މާސްޓާކާޑް - ބިޒްނަސް ޑެބިޓް ކާޑާއި، ޕްރީމިއަމް މާސްޓާކާޑް އަދި ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ.

ބީއެމްއެލް އިން ބުނާގޮތުގައި އަލަށް ތަޢާރަފުކުރި މާސްޓާކާޑަކީ ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކު ޕޭމަންޓް ހެދުމަށް ފަރުމާކޮށްފައިވާ ކާޑު ތަކެކެވެ. އަދި މި ކާޑުތައް ތަޢާރަފުކުރުމުގެ މަޤްސަދަކީ އާއްމުންނަށާއި ވިޔަފާރިތަކަށް ފަސޭހަ ކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ މަގުފަހި ކުރުން ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، މިއަދު ތަޢާރަފުކުރި ބިޒްނަސް ކާޑަކީ ކުދި ވިޔަފާރިތަކަށް ފަސޭހަ ކަމާއެކު އެކައުންޓް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުން ތައާރަފު ކުރި ކާޑެއް ކަމަށެވެ. އަދި މި ކާޑުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މާސްޓާކާޑްގެ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތްތައް ހިންގޭނެ ކަމަށެވެ.