މޯލްޑިވިއަން އިން ހދ. ހަނިމާދޫން ކޮޗިންއަށް ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން ވަރަށް ހާއްސަ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.

ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް ފެށުން ފާހަގަ ކުުރުމަށް "ކަބަޑު ހުޅުވައިގެން ކޮޗިންއަށް" މި ނަމުގައި ކުރިޔަށް ގެންދާ ހަރަކާތް އޮންނާނީ މާދަމާ ހަވީރު، ރާޅުގަނޑު ސަރަހައްދުގައެވެ.

މި ހަރަކާތުގެ ތެރެއިން ރާޅުގަނޑު ސަރަހައްދުގައި މާދަމާ މޯލްޑިވިއަންގެ ކަބަޑުތަކެއް ބަހައްޓާނެއެވެ. އޭގެ ބައެއް ކަބަޑުތަކުގައި ކޮޗިން ދެކޮޅު ޓިކެޓް އޮންނާނެއެވެ. އަދި އެ ކަބަޑުތަކުގެ ތަޅުދަނޑިތައް މާލޭގެ އެކި ސަރަހައްދުގައި ފޮރުވާފައިވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މި ހަރަކާތުގެ ތެރެއިން ހަތަރު ނަސީބުވެރިއަކަށް ކޮޗިން ދެކޮޅު ޓިކެޓް ލިބޭނެއެވެ.

މީގެ އިތުރުން މި އިވެންޓުގެ ތެރެއިން ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދު ކުރާ ދަތުރުތަކުގެ މައުލޫމާތާއި، މޯލްޑިވިއަންގެ އެހެން ދަތުރުތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ވެސް ދޭނެއެވެ.

ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭހަށް ދާ ސިޓީ އެކެވެ. ހަނިމާދޫން ކޮޗިންއާ ދެމެދުގެ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 199 ޑޮލަރަށެވެ.