ފުށިދިއްގާ ގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މާލީ މަންފާ ހޯދާފައިވާތީ ރާއްޖޭގައި ރިސޯޓު ހަދަން ދޫކޮށްފައިވާ ހުރިހާ ރަށްތައް ބަލައި ފާސްކުރަން ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ފުށިދިއްގާގައި ހިނގާދިޔަ ކަމެއް ދެން ތަކުރާރުވާން ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ 115 ރަށެއްގައި ކުރަނީ ކޮންކޮން ކަމެއްތޯ ބެލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެތަންތަން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން ބަލައި ފާސްކުރާނެ އެވެ.

މީގެއިތުރުން ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ދީފައިވާ ރަށްތަކާއި ފަޅުތަކުގެ ތެރެއިން 70 ރަށެއްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާމެދު ވެސް ވަރަށް އަވަހަށް ގޮތްތަކެއް ނިންމާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ފުށިދިއްގާ އަށް އިއްޔެ ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ގޮސް ބަލައި ފާސްކޮށްފައިވާއިރު މިނިސްޓަރު އަލީ ވިދާޅުވީ ފުށިދިއްގާގައި ހިންގާފައިވަނީ ޖަރީމާއެއް ކަމަށެވެ. އެގޮތުން ފުށިދިއްގާ އަކީ ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ލިބޭ ގޮތަށްހުރި ރަށެއް ކަމަށްވީ ނަމަވެސް އެ ރަށުގައި މަސައްކަތް ކުރަން ބައިތިއްބާފައިތިބި ދެ ބިދޭސީން އުޅެނީ ކަނު އަނދިރީ ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއީ އިންސާނިއްޔަތުކަމާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވަކިގޮތެއް އަންގަންދެން ފުށިދިއްގާ މިވަގުތު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.